ޚަބަރު

ޕެންޝަން ސްކީމްގެ ޤަވާއިދަށް އަމަލުނުކުރާ 550 ކުންފުނި


ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުންނުދާ ކުންފުނިތަކުގެ އަދަދު 550 އަށް އަރައިފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ތަފާސް ހިސާބްތައް ދައްކާގޮތުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވައިދާ އެއްގޮތަށް އަމަލުނުކޮށްގެން ފަސްސަތޭކަ ފަންސާސް ކުންފުންޏެއްގެ ނަންވަނީ ޢާއްމުކުރައްވާފައެވެ. ޕެންޝަން އޮފީހުގެ ވެބްސައިޓްގައި އާއްމުކުރައްވާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެކިދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ބައެއް ކުންފުނިތައް މި ލިސްޓްގައި ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވައިދާއެއްގޮތަށް އަމަލުކުރަމުން ނުދާ ފަރާތްތަކާ ދޭތެރޭ ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ވަޒީފާ އަދާކުރާ ފަރާތްތައް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާ، ރަޖިސްޓްރީ ކޮށްފައި މުވައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރި ނުކުރާފަރާތްތަކުގެ އިތުރަށް ކުންފުނި ރަޖިސްޓްރީކޮށް މުވައްޒަފުންވެސް ބައިވެރިކޮށް މަހުންމަހަށް ފައިސާ ޖަމާނުކުރާ ފަރާތްތަކެށެވެ. 

ޕެންޝަން އޮފީހުން ގެންދަވަނީ ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވައިދާ އެއްގޮތަށް އަމަލުކުރަމުންނުދާ ފަރާތްތަކުގެ މައްސަލަ ކޯޓަށްވެސް ހުށަހަޅުއްވަމުންނެވެ. މިގޮތުން ރިޓަޔަމަންޓް ޕެންޝަން ފަންޑަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ކޯޓު މަރުހަލާގެ ތެރެއިން ހޯދައި ފަންޑަށް ޖަމާކުރަމުންދާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ. މިގޮތުން ޝަރުއީ މަރުހަލާ މެދުވެރިކޮށް ހޯދި ފައިސާގެ އަދަދު މިލިއަނުން ގުނާލެވޭކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ ހ ގައި ވާގޮތުން ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ މަދުވެގެން ހަތެއް އިންސައްތަ އެ މުއައްޒަފަކު، އަދި މުސާރައިގެ މަދުވެގެން ހަތެއް އިންސައްތަ އެ މުއައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހެއެވެ. މިގޮތުން މި ސްކީމަށް ފައިސާ ދައްކަންޖެހެނީ އުމުރުން ސޯޅަ އަހަރާއި ފަސްދޮޅަސް ފަސް އަހަރާއި ދެމެދުގެ ވަޒީފާ އަދާކުރާ މުއައްޒަފުންނެވެ.