ތަރައްްޤީ

އައިޖީއެމްއެޗްގެ ނެފްރޯ-ޔުރޯ ރީނަލް ސެންޓަރު އަންނަ މަހު ހުޅުވާނެ


އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް – އައި.ޖީ-އެމްއެޗްގައި އަލަށް ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ނެފްރޯ-ޔުރޯ ރީނަލް ސެންޓަރު އަންނަ މަހުގެ ކުރީކޮޅު ހުޅުއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އައި.ޖީ،އެމް.އެޗުން ވިދާޅުވެއްޖެއެވެ. 

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ނުވަތަ އައިޖީއެމްއެޗުން ދަނީ ރާއްޖޭން ލިބެން ނެތް ގިނަ ސިއްޙީ ޚިދުމަތްތަކެއް ތަޢާރަފްކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެހޮސްޕިޓަލުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކިޑްނީގެ ބަލިތަކަށް ޙާއްޞަ ނެފްރޯ-ޔޫރޯ ރީނަލް ސެންޓަރު ހުޅުވުމުގެ މަސައްކަތް ކުރަވަމުންނެވެ. މި ސެންޓަރާ ގުޅޭ ގޮތުން މަޢުލޫމާތުދެއްވަމުން އައި.ޖީ.އެމް.އެޗްގެ ޕަބްލިކް ރިލޭޝަން އެންޑް މީޑިޔާ ޑިރެކްޓަރ އަޙްމަދު މަޢުސޫމް ވިދާޅުވީ މި ސެންޓަރ ހުޅުވި ޚިދުމަތް ދެއްވަން ފެއްޓެވުމުން ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ އެހެނިހެން ބަލިތަކަށް ފަރުވާ ހޯދާ ދިވެހިންނަށް، ރާއްޖޭގައި ފަރުވާ ކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ފިރިހެނުންނަށް ކުރިމަތިވާ ޖިންސީ ނިޒާމުގެ މައްސަލަތަކަށް މިސެންޓަރުން ފަރުވާލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. 

މި ސެންޓަރ ހުޅުވުމުން ބައެއްކަހަލަ ޕްރޮސީޖަރތައް އަލަށް އައިޖީއެމްއެޗްގައި ފަށާނެއެވެ. އެއީ ކިޑްނީގެ ހިލަގޮށްވުންކަހަލަ މުހިންމު ބައެއް ޕްރޮސީޖަރ ތައް އެއީ ރާއްޖޭން ބޭރުގައި ހަދަ އެކަމު މާލޭގައި އަދި ނުހެދޭ ބައެއް ޕްރޮސީޖަރތައް އަޅުގަނޑުމެންގެ މިސެންޓަރ ހުޅުވިގެންދާއިރު ފެށިގެންދާނެއެވެ. 

މިއަހަރުގެ ޖޫންމަހު ޤާއިމު ކުރެއްވި ކާޑިއެކް ސެންޓަރަށްފަހު، އެހޮސްޕިޓަލްގައި ތައްރައްޤީ ކުރައްވާ އެންމެ ބޮޑު ސެންޓަރަށް މި ސެންޓަރު ވެގެންދާނެކަމަށް މަޢުސޫމް ވިދާޅުވިއެވެ. ނެފްރޯ-ޔުރޯ ރީނަލް ސެންޓަރު އަންނަ މަހުގެ ކުރީ ކޮޅު ހުޅުވުމަށް އައި.ޖީ،އެމް.އެޗުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.