ތަރައްްޤީ

މިއަހަރުގެ ''އިސްލާމިކް ފެއަރ'' ހުޅުވައިފި


މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން އާލާކުރުމަށް ބާރު އަޅުއްވާ، ދީނީ ގިނަ މަޢުލޫމާތު ފޯރުކޮށްދެއްވައި، ޙޭލުންތެރިކުރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ބާއްވަވާ ''އިސްލާމިކް ފެއަރ'' ފަށްޓަވައިފިއެވެ. 

މި ފެއަރ ކުރިއަށް ދަނީ އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައެވެ. އިސްލާމިކް ފެއަރ އަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ފެއާރއެކެވެ. މިފެއަރ ބޭއްވެވުމުގެ މަޤްސަދަކީ، އިސްލާމިކް މިނިސްޓްރީން ފޯރުކޮށްދެއްވާ ދީނީ އެކިއެކި މަޢުލޫމާތުތަކަށް ޢާންމުން ޙޭލުންތެރިކުރުވާ، މުޖުތަމަޢުގެ އެއްބައިވަންތަކަން އާލާކުރެއްވުމަށް ބާރުއަޅުއްވާ، ދީނީ ތަފާތު މައުލޫމާތުތައް ފޯރުކޮށްދެއްވުމެވެ. މިއަހަރުގެ ފެއަރގެ ޝިއާރަކީ '' އުޚުއްވަތްތެރިކަން – މުޖުތަމަޢުގެ ބަދަހިކަން '' އެވެ. 

އިސްލާމިކް ފެއަރ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރެވެ. އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ފެއަރ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެފައި، ރާއްޖޭގައި ދީން ދަސްކުރުމަށް މަސައްކަތްކުރާ މީހުން އިތުރުވަމުން އަންނަ ކަމަށެވެ. 

އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން ރާއްޖޭގައި އިސްލާމްދީން ފެތުރުމަށްޓަކައި މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިއީ މުސްލިމުންގެ ތެރޭގައި ރާއްޖެ ވަރަށް ބޮޑަށް އސްލާމްދީނަށް މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއް ކަމަށެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި، ފެއަރގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް މިއީ ދީނީ ގޮތުން އުފެދިފައި ހުންނަ ޚިލާފްތަކާއިމެދު މަޝްވަރާކުރެއްވުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ދެއްކެވި ވާހަކަފުޅުގައި، އިސްލާމިކް ފެއަރ މިއަހަރު ބާއްވަވަނީ ބޮޑެތި ބަދަލުތަކާއެކުގައި ކަން ފާހަގަކުރެއްވިއެވެ. \

އިސްލާމިކް ފެއަރ ކުރިން ބާއްވަވާފައިވަނީ އިސްލާމިކް މިނިސްޓްރީން އެކަނި ބައިވެރިވެވޭގޮތަށެވެ. އެހެންނަމަވެސް މިފަހަރުގެ ފެއަރގައި ސަރުކާރުގެ އިދާރާތަކާއި، ޤުރުއާނާބެހޭ މަރުކަޒާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި، އިސްލާމިކް ޔުނިވަރސިޓީއާއި އަމިއްލަ ބުކްޝޮޕްތަކުން ސްޓޯލްތައް ބައިވެރިކޮށްފައިވެއެވެ. 

އިސްލާމިކް ފެއަރ ބޭއްވެވުމުގެ މަޤްސަދުގެ ތެރޭގައި، އިސްލާމީ ފިކުރާއި، އިސްލާމީ ވިސްނުމާއި، އުސޫލުތައް ހާމަކޮށްދެއްވުން ހިމެނޭ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ފެއަރގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަފާތު ގޭމްތަކާއި، އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.