ތިމާވެށި

އަލިފުށިން 1200 ޓަނުގެ ކުނި ތިލަފުއްޓަށް ބަދަލުކޮށްފި


ރ.ވަންދޫގައި ޤާއިމްކުރައްވާފައިވާ ސަރަޙައްދީ ކުނި ނައްތާލާ މަރުކަޒު އޮޕަރޭޝަނަށް ގެނައުމުގެ ކުރިން، އެންމެ ފުރަތަމަ ކުރިއަށްދަނީ ރަށްތަކުގައި ގިނަދުވަސްވެފައި ހުރި ކުނި ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތެވެ. ރ.އަލިފުށީގައި އެތައް އަހަރެއް ވަންދެން ޖަމާވެފައި ހުރި ހުރިހާ ކުންޏެއް ތިލަފުއްޓަށް ބަދަލުކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ފެށި މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމާލާފައިވާއިރު، އަލިފުށިން އެކަނިވެސް 1200 ޓަނުގެ ކުނި ތިލަފުއްޓަށް ބަދަލުކޮށްފައިވެއެވެ. އަލިފުއްޓަށްފަހު މިފެށޭ ހަފްތާގައި ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރ.އުނގޫފާރުން ކަމަށް ވެމް.ކޯއިން ބުނެއެވެ.

ވެމް.ކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފުޢާދު ވިދާޅުވީ ރ.އަތޮޅުގެ ހުރިހާ ރަށެއް ކަވަރ ކުރުމަށް ދެމަސް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަލިފުށިން ކުނި ނެގުމުގައި ގިނަދުވަސްތަކެއް ހޭދަވީ އެރަށަކީ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާ ރަށަކަށްވުމުން ކަމަށް ފުޢާދު ވިދާޅުވިއެވެ. ހަތަރު އަތޮޅުގެ ހުރިހާ ރަށެއްގައި ހުރި ގިނަދުވަސްވީ ކުނިތައް ތިލަފުއްޓަށް ގެނައުމަށްފަހު، ވަންދޫ މަރުކަޒަށް ގެންދެވޭނީ އަލަށް އުފެދޭ ކުނި ކަމަށް ފުޢާދު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14717737843164.jpg|ރ. އަލިފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ވެމްކޯއިން ހަރަކާތްތެރިވަނީ - ފޮޓޯ: ވެމްކޯ

އުތުރު ސަރަޙައްދުގައި މީހުން ދިރިއުޅޭ 46 ރަށް އޮންނައިރު، ކުނި ނަގަމުންދަނީ އެންމެ ލޭންޑިން ކްރާފްޓެއް ބޭނުން ކޮށްގެން ކަމަށްވާތީ ހުރިހާ ރަށެއް ކަވަރ ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ފުޢާދު ވިދާޅުވިއެވެ.

އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ ނިޒާމަކީ ވޯލްޑް ބޭންކްގެ ބޮޑު އެހީތެރިކަމަކާއެކު، ސަރުކާރުގެ ބަޖެޓުންވެސް ބޮޑު ހޭދައެއް ކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރަށު ފެންވަރުގައި އުފެދޭ ކުނި ނައްތާލުމަށް ކުނި މެނޭޖްކުރާ މަރުކަޒުތައް ވަނީ ޤާއިމްކުރައްވާފައެވެ.

img:http://s2.psmnews.mv/images/660x400/14621853341265.jpg|ކުނި ނައްތާލާ މަރުކަޒަކަށް ކުނި ގެންދިއުމަށް ބޭނުންކުރާ ބާޖެއް - ފައިލް ފޮޓޯ: ޕީއެސްއެމް

ފުޢާދު ވިދާޅުވީ، ސަރުކާރުން މިއަހަރުގެ އޮގަސްޓް މަހު ވެމްކޯއާއި މަޝްރޫޢު ޙަވާލުކުރެއްވުމުގެ ކުރިންވެސް ބައެއް ރަށްތަކުގައި ވަރަށް ރަނގަޅަށް ކުނި މެނޭޖްކުރަމުން ގޮސްފައިވާ ކަމަށެވެ. ކުނި މެނޭޖްކުރުމުގައި ނަމޫނާ މަސައްކަތްތަކެއް 8 ރަށެއްގައި ކުރިއަށްދާ ކަމަށާއި، ބާކީ ހުރި ރަށްތައްވެސް އެ ފެންވަރަށް ގެނައުމަކީ ވެމް.ކޯގެ އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.

އުތުރު ސަރަޙައްދުގައި ޤާއިމް ކުރައްވާފައިވާ ސަރަޙައްދީ ކުނި ނައްތާލާ ނިޒާމަކީ ރާއްޖޭގައި މިހާތަނަށް ޤާއިމް ކުރެވުނު އެންމެ އަގުބޮޑު ކުނި މެނޭޖްކުރާ ނިޒާމެވެ. މި މަޝްރޫޢު އަމާޒު ކުރައްވާފައިވަނީ ނ. ރ. ބ. އަދި ޅ. އަތޮޅުގައި ދިރިއުޅެމުންދާ 65،000 އެއްހާ މީހުންގެ އާބާދީއަކީ ކުނިން ސަލާމަތްވެފައިވާ، ދުޅަހެޔޮ ބަޔަކަށް ހެއްދެވުމަށެވެ.