ޚަބަރު

ކަޕް ވިނާސް ކަޕް ފައިނަލް: މާޒިޔާއާއި ނިއުގެ ވާދަވެރިކަމުގެ އިތުރު ޞަފްޙާއެއް


  • އެންމެފަހުން ކުޅުނު ހަތަރު މެޗުގެ 90 މިނެޓު ނިމުނީ އެއްވަރުވެގެން

  • މާޒިޔާއިން ނުކުންނާނީ ފުރަތަމަ ފަހަރަށް ތަށި ހޯދަން

  • ނިއުއިން ނުކުންނާނީ ތަށި ދިފާއުކުރަން

  • މެޗު ކުޅޭނީ ބުދަ ދުވަހުގެ ރޭ 21:00ގައި

ކަޕް ވިނާސް ކަޕަކީ ދިވެހި ފުޓުބޯޅައިގެ ދިގު މާޒީއެއް އޮތް، ޝަރަފުވެރި މުބާރާތެކެވެ.

ކުލަބުތަކުން ތަށްޓަށް ވާދަވެރިކަމާއެކު ތައްޔާރުވި، ތަށީގެ ވާދަވެރިކަން ބޮޑު، ހައިބަތު ބޮޑު މުބާރާތެކެވެ.

18 އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި އަލުން މި މުބާރާތް ފަށާފައިވާއިރު، މިފަހަރުގެ މުބާރާތް ފާހަގަކުރެވެނީ އެކި ގޮތްގޮތުން ޙާއްސަ، ވާދަވެރިކަން ބޮޑުވާނެ މުބާރާތެއްގެ ގޮތުގައެވެ.

ފާއިތުވީ އަހަރުތަކުގެ ތެރޭގައި ދިވެހި ފުޓުބޯޅަ އޮތް ދަތިއުނދަގޫ ހާލަތުން އަަރައިގަތުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގެ ދަށުން، ބޮޑު މެދުކެނޑުމަކަށްފަހު ބާއްވާ ފުރަތަމަ ކަޕް ވިނާސް ކަޕުގެ ތަށި ހޯދަން، ދިވެހި ފުޓުބޯޅައިގެ އެންމެ ރަން މާޒީއެއް އޮތް ކުލަބާއި މިހާރު ރާއްޖޭގައި އޮތް ފުޓުބޯޅައިގެ އެންމެ ވަރުގަދަ ނަން ނުކުންނަން މިވަނީ ތައްޔާރުވެފައެވެ.

ނިއުރޭޑިއަންޓުން ނުކުންނާނީ ތަށި ދިފާއުކޮށް، އެކުލަބުގެ ލެގަސީ ދަމަހައްޓަން

މާލީ މައްސަލަތަކާއި ސަސްޕެންޝަނާއި އެހެނިހެން އުނދަގޫ ދަތި އެތައް ކަމަކަށްފަހު ހިން ދެމިލައިގެން ނިއުރޭޑިއަންޓަށް ދިވެހި ފުޓުބޯޅައިގެ ތެރެއަށް ރަނގަޅަށް ވަދެލަން ލިބުނު މިއީ ފުރަތަމަ ސީޒަނެވެ.

ރަނގަޅު ޓްރާންސްފަރ ތަކަކާއިއެކު، ބިދޭސީ ކޯޗެއްގެ އިރުޝާދުގެ ދަށުން ނިއުރޭޑިއަންޓުން ކަޕް ވިނާސް ކަޕުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެންމެފަހުން މި މުބާރާތް ބޭއްވި އަހަރު، 2008ވަނަ އަހަރުގެ މުބާރާތުގެ ތަށި އުފުލާލީ ނިއުރޭޑިއަންޓުންނެވެ.

ނިއުރޭޑިއަންޓަކީ މިވަގުތު ފުރަތަމަ ޑިވިޝަނުގައި އޮތް ކުލަބުތަކުގެ ތެރެއިން ކަޕް ވިނާސް ކަޕުގެ އެންމެ ކާމިޔާބު ޓީމެވެ.

މި މުބާރާތް ހަ ފަހަރަށް ކާމިޔާބުކޮށްފައިވާ ކުލަބު ވެލެންސިއާ، ފާއިތުވީ ސީޒަނުގައި ދެވަނަ ޑިވިޝަނަށް ރެލިގޭޓުވެފައިވުމާ ގުޅިގެން، މިވަގުތު މި މުބާރާތާ އެންމެ ރަށްޓެހި ޓީމެއްގެ ގޮތުގައި އޮތީ ހަތަރު ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައިވާ ނިއުރޭޑިއަންޓެވެ.

ފުރަތަމަ ޑިވިޝަނުގެ ޓީމެއްގެ ގޮތުގައި މާޒިޔާއަށް ފުރަތަމަ ކަޕް ވިނާސް ކަޕް

ކަޕް ވިނާސް ކަޕަކީ މާޒިޔާއަށް އައު މުބާރާތެއް ނޫނެވެ. އެހެންނަމަވެސް މިއީ ފުރަތަމަ ޑިވިޝަނުގެ ޓީމެއްގެ ގޮތުގައި މާޒިޔާއިން މުބާރާތުގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ.

މާޒިޔާ އިން 1999 ވަނަ އަހަރުގެ ކަޕްވިނާސް ކަޕުގައި ވާދަކުރި އެވެ.

މާޒިޔާއަށް 1999 ގައި ކަޕްވިނާސް ކަޕުން ފުރުސަތު ލިބުނީ އޭގެ ކުރީ އަހަރު، އެއްވެސް މެޗަކުން ބަލިނުވެ ދެވަނަ ޑިވިޝަން ކާމިޔާބުކުރުމުންނެވެ. އެ ފަހަރު މާޒިޔާ އިން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމާ ގާތަށް ވެސް ދިޔަ އެވެ. ރެލިގޭޝަނުގެ ފަހު މެޗުގައި އޯކިޑް ސްޕޯޓްސް އަތުން ކުޑަ ތަފާތަކުން ބަލިވެގެން ވެސް ފުރަތަމަ ޑިވިޝަނަށް އަރަން އޮތް ޓީމަށް ފުރުސަތު ގެއްލުނީ އެ މެޗުން 3-0 އިން ބަލިވުމުންނެވެ.

އެހެންކަމުން، ވަރަފަޅައި، އުދުއްސައިގަނެ ދިވެހި ފުޓުބޯޅައިގެ ވަރުގަދަ ބާރަކަށްވީ ފަހުން މިއީ މާޒިޔާއަށް މި މުބާރާތުގައި އެ ޓީމުގެ ނަން ރަން އަކުރުން ފަވާލަން ލިބޭ ރަނުގެ ފުރުސަތެކެވެ.

މާޒިޔާއާއި ނިއުގެ ވާދަވެރިކަމަށް އިތުރު. ޞަފްޙާއެއް

ހިނގަމުން މިދާ ފުޓުބޯޅަ ސީޒަނާއި ފާއިތުވީ ސީޒަނަށް ބަލާލާއިރު ވެސް މި ދެ ޓީމަކީ މިވަގުތު ދިވެހި ފުޓުބޯޅައިގައި އޮތް އެންމެ ވާދަވެރި، އެންމެ ބޮޑު ދެނަން ކަމާއިމެދު އެކަކުވެސް ދެބަހެއް ނުވާނެއެވެ.

އެކަން ހާމަވާ ސަބަބެއްގެ ގޮތުގައި، މި ދެ ޓީމުން އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ނަތީޖާ ފުދެއެވެ.

އެންމެފަހުން މި ދެ ޓީމު ކުރިމަތިލީ މިފަހަރުގެ ކަޕް ވިނާސް ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައެވެ. މެޗަށް ނުކުތްއިރުވެސް ދެ ޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން، މި ދެ ޓީމުން ވެސް މެޗާ ކުރިމަތިލީ ހަމަޖެހިލައިގެން ތިބެއެވެ.

މި މެޗު ނިމުނީ 1-1އިން ދެ ޓީމު އެއްވަރުވެގެންނެވެ.

އޭގެކުރިން، މިފަހަރުގެ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައިވެސް ވާދަކުރީ މި ދެޓީމެވެ. އެ މެޗުގެ 90މިނެޓުގެ ކުޅުން ނިމުނީ 3-3އިން ދެޓީމު އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނުއިރު ޕެނަލްޓީގައި ކުރިހޯދައި، ޝީލްޑް އުފުލާލީ މާޒިޔާއިންނެވެ.

އެ މެޗުގެ ކުރިން ދެން މިދެޓީމުން ބައްދަލުކުރީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގައެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި މާޒިޔާއާއި ނިއުރޭޑިއަންޓް ބައްދަލުކުރިއިރު އެ މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 2-2އިން ދެ ޓީމު އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު އެފަހަރުގެ ޕެނަލްޓީ ޝޫޓްއައުޓުގައި ވެސް ކުރިހޯދީ މާޒިޔާއިންނެވެ.

އޭގެކުރިން ދިވެހި ލީގުގެ ދެވަނަ ބުރުގައިވެސް މި ދެޓީމު ބައްދަލުކުރިއިރު، މި އަހަރުގެ ޖެނުއަރީ މަހުގެ 28ވަނަ ދުވަހު ކުޅުނު އެ މެޗުވެސް ނިމުނީ 2-2އިން ދެ ޓީމު އެއްވަރުވެގެންނެވެ.

އެހެންކަމުން ނަތީޖާ ނެރުން މަޖުބޫރު މި މެޗުގައި، 90މިނެޓުގެ ތެރޭގައި ނަތީޖާ ނެރެން ދެ ޓީމުންވެސް މަސައްކަތްކުރާނެއެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓުން ނަތީޖާ ނެރެން ޖެހިއްޖެނަމަ، އެވާނީ ނިއުއަށް ބޮޑު ޕްރެޝަރަކަށެވެ. ޖެހިޖެހިގެން ދެ ޕެނަލްޓީ ޝޫޓްއައުޓުގައި މާޒިޔާ އަތުން ނިއުއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމާއި، ދިފާއި ޗެމްޕިއަނުންގެ ގޮތުގައި މި މުބާރާތާ ކުރިމަތިލުން މިއީ ނިއުއަށް އޮތް ޕްރެޝަރެކެވެ.

އަނެއްކޮޅުން މާޒިޔާއިން ވެސް، ނިއުއަތުން މިފަދަ މެޗުތަކުގައި މޮޅުވަމުން އައި ސިލްސިލާ ދަމަހައްޓަން ބޭނުންވާނެއެވެ.

ބޮޑު މެދުކެނޑުމަކަށްފަހު އަލުން ކަޕް ވިނާސް ކަޕް ފަށައި، ފައިނަލް މެޗާ ހަމައަށް އައިސްފައިވާއިރު، މުބާރާތުގެ ދިގު ތާރީޚެއް އޮތް ނިއުރޭޑިއަންޓާއި، މި މުބާރާތުގައި އަމިއްލަ ނަމެއް ޤާއިމްކުރުމުގެ ވަރުގަދަ އަޒުމުގައި ނުކުންނަ މާޒިޔާއިން މިވަނީ އެންމެފަހުގެ ތައްޔާރީތައް ވެފައެވެ.

ވާދަވެރިކަމާއި، ހުނަރާއި ފުޓުބޯޅައިގެ އުކުޅުތައް އޭގެ އެންމެ މަތީ ހަރުފަތުގައި ފެނިގެންދާނެ ފޯރިގަދަ މި މެޗު ކުޅޭނީ ބުދަ ދުވަހުގެރޭ 21:00ގައެވެ. މެޗު ކުޅޭނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.