މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕް 2026ގެ ސެމީ ފައިނަލުން ކްލަބް އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކްލަބް ސައްތައިން ސައްތަ ރެކޯޑަކާއެކު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މުބާރާތުގައި ހޯމަ ދުވަހު ވެސް ދެ މެޗު ކުޅެފައިވާއިރު، ހޯމަ ދުވަހު ހަވީރު ފުރަތަމަ މެޗުގައި ކްލަބް އެޗްޑީސީން ނުކުތީ ޔުނައިޓެޑް ހެންވޭރިއަންސްއާ ދެކޮޅަށެވެ. މި މެޗު އެޗްޑީސީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެޗްޑީސީން ގެންދިޔައީ 25-19، 25-11 އަދި 25-18 އިންނެވެ. މުޅި މެޗުގައި ވެސް އެޗްޑީސީގެ ހުނަރުވެރި ތަޖުރިބާކާރު ކުޅުންތެރިންގެ ކުޅުން ފާހަގަވިއެވެ.
މި ނަތީޖާއާއެކު އެޗްޑީސީއަށް ޕޫލް އޭގެ އެއްވަނަ ލިބެނީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލަޔަންސް ރެކްރިއޭޝަން ކްލަބަށް ތިން މެޗުން ލިބެނީ އަށް ޕޮއިންޓެވެ.
މީގެ އިތުރުން ހޯމަ ދުވަހުގުރޭ ސިފައިން އެމްޓީސީސީގެ މައްޗަށް ކުރިހޯދީ ވެސް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-21، 25-16 އަދި 25-21 އިންނެވެ.
މި މެޗުން ބަލިވި ނަމަވެސް އެމްޓީސީސީ އަށް ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ލިބިފައެވެ. ޕޫލް ބީގެ އެއްވަނަ ސިފައިންނަށް ލިބެނީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އެމްޓީސީ އޮތީ ތިން މެޗުން ލިބުން އަށް ޕޮއިންޓާއެކުގައެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު އެޗްޑީސީން ނުކުންނާނީ އެމްޓީސީސީއާ ދެކޮޅަށެވެ. އަދި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބުދަ ދުވަހުގެރޭ ސިފައިން ނުކުންނާނީ ލަޔަންސްއާ ދެކޮޅަށެވެ.