ކުޅިވަރު

"ބާސެލޯނާއަށް ކުޅުމަކީ ހުވަފެނެއް، އަމާޒަކީ ޗެމްޕިއަންސް ލީގު"


ބާސެލޯނާ އަށް ކުޅުމަކީ އަބަދުވެސް ހުވަފެނެއް ކަމަށާއި ސީޒަނުގެ ހުރިހާ ތަށްޓަކަށް އެ ޓީމުން ވާދަކުރާނެ ކަމަށް މެންޗެސްޓާ ސިޓީ ދޫކޮށް އެ ކުލަބާ ގުޅުނު ސްޕޭނުގެ ކެޕްޓަން ރޮޑްރީގޯ ބުނެފި އެވެ.

އޭނާ ބާސެލޯނާ އަށް ގަތީ 75 މިލިއަން ޔޫރޯ އަށެވެ. މިއާއެކު ރޮޑްރީ މިހާރު ވަނީ ބާސެލޯނާ އަށް ގޮސްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އެކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދައްކާލާނެ އެވެ. ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި ރޮޑްރީ ބާސެލޯނާގައި ބޭނުން ކުރާނީ 16 ނަންބަރު ޖާޒީ އެވެ. މިއީ ސިޓީގައި ވެސް އޭނާ ބޭނުންކުރި ޖާޒީ އެވެ. ބާސެލޯނާ އަށް ބަދަލުވުމުގެ މަޝްވަރާތަކުގައި ރޮޑްރީ ވަނީ މި ނަންބަރު އޭނާ އަށް ދިނުމަށް އެދިފައި ކަމަށް ވެސް މީޑިޔާތަކުން ބުނެ އެވެ.

ބާސެލޯނާގެ 16 ނަންބަރުގައި މިހާރު ކުޅެމުންދަނީ ފާމިން ލޮޕޭޒެވެ. ރޮޑްރީ އަށް 16 ނަންބަރު ދޭނަމަ ފާމިން ކުރިއަށް އޮތް ސީޒަނުގައި ބޭނުން ކުރާނީ ހަތް ނަންބަރެވެ.

"ބާސެލޯނާ އަށް ކުޅުމަކީ ހުވަފެން ހަގީގަތަކަށްވުން. އަހަރުމެން ހުރިހާ ތަށްޓަކަށް ވެސް ވާދަ ކުރާނަން. އަދި ޗެމްޕިއަންސް ލީގަކީ އަހަރުމެން ކަޅި އަޅާނެ މުބާރާތެއް. އަހަރެން މިހުރީ އަހަރެންގެ ޓީމުގެ ކުޅުންތެރިންނާއެކު ކުޅެން ކެތްމަދުވެފައި،" ބާސެލޮނާގެ އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮޑްރީ ބުންޏެވެ.

ސްޕޭނަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން އަށް ކުޅުންތެރިން ރޮޑްރީއާއެކު މިހާރު ބާސެލޯނާގައި ތިބޭނެ އެވެ. އެއީ ފެރަން ޓޮރޭޒް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވުމުންނެވެ.

ރޮޑްރީ އަކީ ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާ އަށް ގެނައި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ތިން ކުޅުންތެރިންނަކީ އެންތަނީ ގޯޑަން ކަރީމް އަޑެޔޭމީ އާއި ޔާއޯ ކަންސެލޯ އެވެ. މިހާރު ބާސެލޯނާ މަސައްކަތް ކުރަމުންދަނީ އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ގަތުމަށެވެ.