ޚަބަރު

އިންޑޮނޭޝިއާ ބިންހެލުން: 5،000 އަށްވުރެ ގިނަ މީހުން ރާއްކާތެރި ހިސާބުތަކަށް


އިންޑޮނޭޝިއާއަށް އިއްޔެ ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މިހާތަނަށް 51 މީހުން މަރުވެ، 5،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

މި ޙާދިސާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަގުތައް ބަންދުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އިންޑޮނޭޝިއާގެ ސިއްޙީ ވަޒީރުގެ ނައިބު ބެންޖަމިން ޕޯލަސް އޮކްޓޭވިއަނަސް ވިދާޅުވީ، ހޮނިހިރު ދުވަހުގެ ހެނދުނު އިރުމަތީ ނޫސާ ތެންގާރާ ޕްރޮވިންސަށް އައި މި ބިންހެލުމުގައި 36 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އިތުރު 77 މީހަކަށް އެކިވަރުގެ ކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ބިންހެލުމަށްފަހު އިތުރު 341 ލޮޅުންތަކެއް ވެސް އައިސްފައިވާ މި ހާދިސާއަކީ، 2022ވަނަ އަހަރު ވެސްޓް ޖާވާއަށް އައި ބިންހެލުމަށްފަހު، އެ ޤައުމުގައި މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވި މިފަދަ ހިތާމަވެރި ޙާދިސާއެވެ.

އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާ (ބީއެންޕީބީ) އިން މަޢުލޫމާތު ދޭ ގޮތުގައި، ސިއްކާ ސަރަޙައްދުން 3،300 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ތަންތަނަށާއި ކުޅިވަރު ދަނޑުތަކުގައި ޤައިމުކޮށްފައިވާ ފޭލިގެތަކަށް ބަދަލުކޮށްފައެވެ/

ސިއްކާގެ ގިނަ ޢަދަދެއްގެ ރައްޔިތުން މިހާރު ދިރިއުޅެމުންދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ކައިރީގައި ޖަހާފައިވާ ވަގުތީ ފޭލިގެތަކެއްގައެވެ. މީގެއިތުރުން، މައުމެރޭގެ ހޮސްޕިޓަލު ފުރިބާރުވުމުގެ ސަބަބުން، ޒަޚަމްވި މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގެ ބޭރުގައި ޖަހާފައިވާ ފޭލިގެތަކުގައެވެ/

ސިއްކާގެ ނައިބު ރީޖަންޓް ސައިމަން ސުބަންދީ ވިދާޅުވީ، އިތުރު ލޮޅުންތަކެއް އަތުވެދާނެ ކަމުގެ ބިރަށް، އެ ސަރަޙައްދުގެ ގިނަ ރައްޔިތުން ރޭގަނޑު ހޭދަކުރަމުންދަނީ ގޭތެރެއަށް ނުވަދެ ބޭރުގައި ޖަހާފައިވާ ފޭލިގެތަކުގައި ކަމަށެވެ.

މި ޙާދިސާއާ ގުޅިގެން ކެބިނެޓް ސެކްރެޓަރީ ޓެޑީ އިންދުރާ ވިޖާޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ 3،500 އަށްވުރެ ގިނަ މީހުން މިހާރު އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށެވެ.

މީހުން ހޯދައި ސަލާމަތްކުރުމާބެހޭ އިދާރާއިން ބުނި ގޮތުގައި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަގުތައް ބަންދުވެފައި އޮތް މައުމެރޭގެ ބައެއް ސަރަޙައްދުތަކަށް ޓީމުތަކަށް މިހާރު ވަނީ ދެވިފައެވެ.

ގެއްލިފައިވާ މީހުންގެ ސީދާ ޢަދަދު އަދި ކަށަވަރު ނުވިނަމަވެސް، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައި ތިބި ކަމަށް ބެލެވެއެވެ. މި ކާރިސާގައި މިހާތަނަށް 1،300 އަށްވުރެ ގިނަ ގެދޮރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ކަރަންޓު ކެނޑުމުގެ ސަބަބުން 20 ޕެޓްރޯލް ޝެޑެއްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް އެ ޤައުމުގެ ހަކަތައާ ބެހޭ ކުންފުނިން ވަނީ ބުނެފައެވެ.

ޙާލަތު ގޯސްވަމުންދާތީ، ކާރިސާއިން އަރައިގަތުމަށް ބޭނުންވާ މާލީ އަދި އެހެނިހެން ވަޞީލަތްތައް އަވަހަށް ހޯދުމުގެ ގޮތުން، އިރުމަތީ ނޫސާ ތެންގާރާ ޕްރޮވިންސުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމާމެދު ސަރުކާރުން މިހާރު ދަނީ ވިސްނަމުންނެވެ.

ޖިއޯފިޒިކްސް އޭޖެންސީން ފާހަގަކުރާ ގޮތުގައި، މި ސަރަޙައްދަކީ 1992 ވަނަ އަހަރު ވެސް ރިކްޓަރ މިންގަނޑުން 7.5 ގެ ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ސަރަހައްދެކެވެ. ގާތްގަނޑަކަށް 290 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިއާ އޮންނަނީ ދުނިޔޭގެ ޓެކްޓޯނިކް ޕްލޭޓްތައް ގުޅޭ "ޕެސިފިކް ރިންގް އޮފް ފަޔަރ" ސަރަޙައްދުގައެވެ. އެހެންކަމުން، މިއީ އަބަދުވެސް ބިންހެލުމާއި އަލިފާންފަރުބަދަ ގޮވުމުގެ ނުރައްކާ ބޮޑު ސަރަޙައްދެކެވެ.