ޚަބަރު

ކެލާގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލަނީ


  • ބައްދަލުވުންތައް މިމަހުގެ 20ގެ ނިޔަލަށް ކުރިއަށްދާނެ

  • ޕްރޮގްރާމް ކުރިއަށް ގެންދަނީ ޔޫއެންޑީޕީގެ އެހީއާއެކު

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހއ. ކެލާ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ކެލާގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބާއްވާ މަސައްކަތު ބައްދަލުވުންތައް މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތު ބައްދަލުވުންތަކުގައި ކެލާ ކައުންސިލުގެ އިތުރުން އެރަށުގެ މުހިއްމު ހުރިހާ މުއައްސަސާތަކުން ބޭފުޅުން ބައިވެރިވާނެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ޔޫއެންޑީޕީގެ އެހީގައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރީޓީން ވިދާޅުވީ، އެހެން ރަށްރަށެކޭ އެއްގޮތަށް ފުރަތަމަ ތިން ދުވަހު ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމަށްފަހު، ފަހު 2 ދުވަހު ކުރިއަށްދާނީ ކޮމިިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމް (ސާޓް) ނުވަތަ ކުއްލި ހާލަތެއްގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކަމަށެވެ.

"ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނަކީ ރަށްރަށުގެ ވިލުންތެރިކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވެފައިވާ މުޖުތަމައެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އެއްބައި. އަދި ސާޓް ތަމްރީން ލިބިފައިވާ ބޭފުޅުން ރަށްރަށުގައި ތިބުމަކީ ކަމެއް ދިމާވާ ހިނދު، ލިބޭ ގެއްލުން ކުޑަކޮށް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް." އެންޑީއެމްއޭގެ ޑިރެކްޓަރ ޕްރޮގްރާމްސް، ރިސާޗް އެންޑް އެޑްވޮކަސީ، ޙަސަން ޒިޔާއު ވިދާޅުވިއެވެ.

ރަށު ފެންވަރުގައި ކާރިސީ ހިރާސްކުޑަކޮށް، ކާރިސާގެ ހާލަތްތަކަށް ތައްޔާރުވެ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ޑިލްޑިންގ (ސީބީއާރުބީ)ގެ ނަމުގައި އެންޑީއެމްއޭއިން ދަނީ، ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން އެންޑީއެމްއޭއިން އަމަލުކުރަމުން އައި ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިިސްކް މެނޭޖްމަންޓް (ސީބީޑީއާރުއެމް) ފްރޭމްވޯކް މިހާރު ވަނީ، ޔޫއެންޑީޕީގެ އެހީއާއެކު އިސްލާހުކޮށް ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ (ސީބީއާރުބީ)އަށް ބަދަލުވެސް ކޮށްފައެވެ.

ރަށުފެންވަރުގައި ކާރިސާތައް މެނޭޖުކުރުމުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެންޑީއެމްއޭއިން މިހާތަނަށް 72 ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެ އޮތޯރިޓީން ދަނީ، އިތުރު ރަށްރަށުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.