ޚަބަރު

އޭޑީބީއާއެކު 50 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް


  • ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް ޤާއިމްކުރި އެއްބަސްވުމެއް

  • އެއްބަސްވުމާއެކު ބަޖެޓުން ތެލަށް ކުރާ ހޭދައަށް ލުޔެއް ލިބޭނެ

"އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ހިންގުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީއާއި ދިވެހި ސަރުކާރާ ދެމެދު 50 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ސަރުކާރުގެ ފަރާތުން ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރުއެވެ. އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ފަރާތުން ޕްރޮޖެކްޓް އެގްރީމަންޓުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޝިމާދު އިބްރާހީމްއެވެ.

މި ދެ އެއްބަސްވުމުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގްއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުން ކަމަށެވެ.

މި ފެސިލިޓީއަކީ، މަލްޓިލެޓަރަލް ބޭންކުތަކުން ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެހިފައިވާ ފައިނޭންސިންއެކެވެ. މިފަދަ ކޮންސެޝަނަލް ފެސިލިޓީތަކުގެ ސަބަބުން ސަރުކާރުގެ ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެކަމަށް އެެވުޒާރާއިން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއާއި، އެސްޓީއޯގެ އިތުރުން އޭޑީބީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.