ސެލްޓަވީގޯގެ ދަނޑުގައި ފަނިއަޅައި ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފެށުން ފަސްކޮށްފި އެވެ.
މި ގޮތަށް ނިންމީ ދަނޑުގެ ވިނަގަނޑުގައި ފަނިއަޅައި އެއްގޮތަކަށް ވެސް ކުޅެވޭވަރު ނުވާތީވެ މެޗުގައި ވާދަ ކުރާ ދެ ޓީމާއި ސްޕެނިޝް ލީގާއި ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުން އެއްބަސް ވެގެންނެވެ. ނަމަވެސް މިހާރު މައްސަލަ އުފެދިފައިވަނީ މި މެޗު ކުޅޭނެ އައު ތާރީހާ މެދުގަ އެވެ.
ސެލްޓަވީގޯއިން ބުނަނީ މި މެޗު ދެން ކުޅޭނީ މި މަހުގެ 27ގައި ކަމަށެވެ. ނަމަވެސް އޮސަސޫނާއިން ބުނީ މިއީ އެ ކުލަބުން އެއްބަސްވި ތާރީހެއް ނޫން ކަމަށާއި މެޗު ކުޅެން ބޭނުންވަނީ އިންޓަނޭޝަނަލް ބްރޭކްގައި ކަމަށެވެ. ސަބަބަކީ އޭރުން ތާވަލަށް ބުރ ނާރުވައި ޓީމަށް އިތުރު ބުރައެއް ނުޖައްސައި މެޗު ފުރިހަމަ ކުރަން ވަގުތު ލިބޭނެތީ ކަމަށެވެ.
ސެލްޓަވީގޯއިން ބުނީ އެ ޓީމުގެ ދަނޑުގެ ވިނަގަނޑުގައި ފަނި އެޅީ ސްޕެނިޝް ލީގުން ދަނޑު އިންސްޕެކްޓް ވެސް ކުރި ފަހުން ކަމަށެވެ.
"ނަމަވެސް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑު އަލުން އާއްމު ހާލަތަށް ގެނައުމަށް ދަތިތަކެއް އެބަހުރި. އެކަމަކު ވެސް އަހަރުމެން މިދަނީ ވީ އެންމެ އަވަހަކަށް ދަނޑު ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން،" ސެލްޓަވީގޯ އިން ބުންޏެވެ.