ދިވެހި އިޤްތިޞާދުގެ ތެރޭގައި ދައުރުވާ ބޭރުފައިސާ ނުވަތަ އާންމުކޮށް ބޭނުންކުރާ އެމެރިކާ ޑޮލަރުގެ ވާހަކައަކީ މިދުވަސްވަރު އެންމެ އަޑުހަރުކޮށް ދައްކަމުންދާ ވާހަކައެވެ. މައްސަލައިގެ ފުނަށް ދާއިރު، މި ހާލަތައް ކަންކަން ބޮއްސުންލައިގެން ދިޔަ ސަބަބުތައް ގިނައެވެ. ރައްޔިތުންނާއި ހަމައިން ބަލާނަމަ ހަޤީޤީ މައްސަލައަކީ ތަކެތީގެ އަގު އުފުލުމާއި، ބޭންކު ރޭޓެއް އޮވެމެ އެ އައަގުގައި ޑޮލަރު ލިބުމުގެ ދަތިކަން ކުރިމަތިވުމެވެ. ނަމަވެސް ސަރުކާރުން މިމައްސަލަ ހައްލުކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.
މިއީ އަންނާނެ ހާލަތެއްކަން ދުރާލާ އެނގެން އެބައޮތެވެ. އެހެން ކަމުން އަދުގެ ސަރުކާރުން ދުރާލާ ތައްޔާރުވެސް ވިއެވެ. ނަމަވެސް ބައިނަލްއަޤްވާމީ މަސްރަހަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަކީ ނާދިރު ކަމެކެވެ. ދިވެހި ފައިސާގެ އަގު ދަށްވެ ޑޮލަރުގެ އަގު އުފުލެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އިޤްތިޞާދުގައި ކުރީ ސަރުކާރުން ފައިސާ ޗާޕް ކުރުމުން އިޤްތިޞާދުގައި ދައުރުވާ ފައިސާގެ މިންވަރު އިތުރުވުމެވެ. ފައިސާ ޗާޕް ކުރުމުގެ އިތުރަށް 500 މިލިޔަން ޑޮލަރުގެ ބޮޑު ދަރަންޏެއް ނަގާފައި އޮތުމާއެކު އެ ދަރަނި ހިމެނޭހެން ދައުލަތުން މިއަހަރު އެކަނިވެސް 1.2 ބިލިޔަން ޑޮލަރުގެ ދަރަންޏެއް ދައްކަން އޮތީ ޖެހިފައެވެ.
މިއީ ދުރާލާ ފެންނަން އޮތް ހާލަތެވެ. މިކަންކަމުގެ މައްޗަށް އައީ މެދުއިރުމަތީ ހަނގުރާމައެވެ. ހޮރުމުޒް ކަނޑުއޮޅި ބަނދުވުމާއެކު ތެލުގެ އަގު އުފުލިގެން ދިޔައެވެ. މިއާއެކު މުދާ އުފުލުގެ ޚަރަދުތައް އެތައް ގުނައަކުން އުފުލިގެން ދިޔައެވެ. މިކަމާއި ގުޅިފައިވާ އަނެއް ހަޤީޤަތަކީ ހަނގުރާމައާއި ގުޅިގެން މެދުއިރުމަތިން އަންނަ ފަތުރުވެރިންގެ މަދުވެގެން ދިއުމެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު 20 އިންސައްތަ ފަތުރުވެރިން ދަތުރުކުރާ މަގެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ބޭރުފައިސާ ވަންނަ މިންވަރު މަދުވިއެވެ.
ދިވެހިރާއްޖޭގައި ޑޮލަރު ވިއްކޭނެ އެންމެ މަތީ އަގަކީ 15.42ރ. ކަމުގައިވިއަސް މި ރޭޓުގައި ޑޮލަރު ނުލިބެނީ ބޭންކުތަކުގައި އާންމުންގެ ހުރިހާ ބޭނުންތަކާއި ވިޔަފާރިއަށް ބޭނުންވާ މިންވަރަށް ޑޮލަރު ދޫކުރުމުގައި ތާށިކަން އޮތުމުންނެވެ. މި ހާލަތުގައި ޑޮލަރުގެ އަގު ހުންނާނެ މިންވަރެއް ލަފާކުރާނަމަ ޑޮލަރުގެ އަގަށް އޭގެ އަސަރުކުރެއެވެ.
މިކަން ހައްލުކުރުމަށް މަރުކަޒީ ބޭންކުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރެވެ. އޭގެ ސަބަބުން ރަސްމީ ބާޒާރުން ބޭރުގައި ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވެ، އަގުތައް ތިރިވުމަށް މަގުފަހިވެއެވެ. މަރުކަޒީ ބޭންކުން 3 ހަފުތާގެ މުއްދަތަކަށް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު 51 އިންސައްތައަށް އިތުރުކޮށްފައެވެ.
ރައްޔިތުންގެ ބޭނުންތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް ވަނީ އިތުރުވެފައެވެ. އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މީސްމީޑިއާގައި މިކަމާއި ގުޅޭ ބައެއް ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ.
މިއަހަރު ޖަނަވަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް މަހެއް މައްޗަށް އެވަރޭޖްކޮށް 81.2 މިލިޔަން ޑޮލަރު ބޭންކުތަކުން ރައްޔިތުންގެ ބޭނުންތަކަށް ދޫކޮށްފައިވެއެވެ. 2025 ވަނަ އަހަރު މިއަދަދު ހުރީ، 61.2 މިލިޔަން ޑޮލަރުގައެވެ. އަދި އޭގެ ކުރީ އަހަރު މަހެއްގެ މައްޗަށް އެވަރޭޖްކޮށް 40.5 މިލިޔަން ޑޮލަރުގައެވެ. ނިމިދިޔަ ސަރުކާރުގެ ފަހު ތިން އަހަރާއި އަޅާބަލާއިރު މިއަދަދުތައް އިތުރުކަން އިޤްތިޞާދީ ވަޒީރު ވަނީ ފާހަގަކޮށްފައެވެ.
ކުރީ ސަރުކާރުގައި 2021 ވަނަ އަހަރު 21.1 މިލިޔަން ޑޮލަރު ދޫކުރިއިރު، 31.6 މިލިޔަން ޑޮލަރު 2022 ވަނަ އަހަރު ދޫކުރިއެވެ. އަދި ވެރިކަމުގެ ފަހު އަހަރު މަހެއްގެ މައްޗަށް އެވަރޭޖްކޮށް ދޫކޮށްފައިވަނީ 36.9 މިލިޔަން ޑޮލަރެވެ.
އިޤްތިޞާދީ ވަޒީރު ވިދާޅުވީ ރައްޔިތުންގެ ބޭނުމަށް ޑޮލަރު ދޫކުރި މިންވަރު އިތުރުވެފައި މިވަނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ ބިޔަ ބޮޑު 1.2 ބިލިޔަން ޑޮލަރުގެ ބޮޑު ދަރަނިން ބައެއް ވެސް ދައްކާ ރާއްޖެ ބަނގުރޫޓު ވުމުން ސަލާމަތްކޮށްގެން ކަމަށެވެ. އަދި ބޭންކުން ވިޔަފާރި ތަކަށް ދޫކުރާ، ޓީޓީއާއި، ބޭސްފަރުވާއާއި، ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ފޮނުވާ ފައިސާގެ އިތުރުން ޙައްޖާ އުމްރާއަށް ދޫކުރާ ޑޮލަރު ކަމުގައިވިއަސް އަދަދުތައް ދައްކަނީ އިތުރުވުމެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ޤައުމު ވައްޓާލި އަނދަވަޅުން ޤައުމު ސަލާމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.