ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (13 އޮގަސްޓު) އެގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ފަށްޓަވާ "ރައްޔިތުންގެ އަޑު" ޕްރޮގުރާމު ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. "ރައްޔިތުންގެ އަޑު" މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑްގައި ބައިވެރިވި ރައްޔިތުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ބޭސް ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ވަޒީފާއަށް ކުރިއެރުން ނާންނަފަދަ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރެއްވިއެވެ.
(12 އޮގަސްޓު) އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލެއްވީ މިދިޔަ ބުދަ ދުވަހުއެވެ. މިހާރު ޢިމާރާތް ކުރެވެމުންދާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތުގެ މަސައްކަތަކީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން 12 ނޮވެންބަރ 2024 ގައި އާރްސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢުގެ އިތުރުން އާރްސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ.
(14 އޮގަސްޓް) ޤައުމީ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހުކުރު ދުވަހު ހެނދުނު 6:00 ޖެހިއިރު މި ރަސްމިއްޔާތު ބާއްވާފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވީ ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދާއި ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދެވެ.
(13 އޮގަސްޓު) ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރައްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ސިވިލް ކޯޓަށް ޤާޟީން ހޯދުމަށް އިއުލާންކޮށް އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ޖޭއެސްސީން އެ މަޤާމަށް އައްޔަން ކުރެއްވުމަށް ނިންމެވީ ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް، އަލްއުސްތާޛް މުޙައްމަދު ނިޝާޠު އާއި ރ. ހުޅުދުއްފާރު ރޯޒްވިލާ، އަލްއުސްތާޛާ އާސިޔާ އަޡީމާއެވެ. ކްރިމިނަލް ކޯޓަށް ޤާޟީން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން އެ ކޯޓަށް އައްޔަން ކުރައްވާފައިވަނީ ޅ. ކުރެންދޫ ނޫރާނީމާގެ، އަލްއުސްތާޛް ސުލައިމާން މުޙައްމަދު އާއި ހއ. ދިއްދޫ ޑޭޒީމާގެ، އަލްއުސްތާޛް އަޙްމަދު ތައުފީޤު އަދި ތ. ވޭމަންޑޫ ޑްރީމް، އަލްއުސްތާޛް މުޙައްމަދު ޢަބްދުﷲއެވެ.
(10 އޮގަސްޓު) ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ "މައި ކެރިއަރ ޕޯޓަލް" ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދާޙިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނެވެ. މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ.
(11 އޮގަސްޓު) މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯ ގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިފްކޯ އާއި އެފްއެސްއެމްއާ ދެމެދު ގާއިމުކުރެވުނު މި އެއްބަސްވުމުގެ ދަށުން، މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ދެއްކުމުން ދޯނިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައެވެ. މި އިންތިޒާމުގެ ދަށުން ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ. މި އުސޫލުގެ ދަށުން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެއެވެ.
(11 އޮގަސްޓު) ބޭންކިން ނިޒާމުގެ ތެރެއިން ބޭރުފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރުފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ކުރިއަށް އޮތް ތިން ހަފުތާއަށް މި ގެނައި 51 އިންސައްތައިގެ އިތުރުވުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގު އިތުރަށް ފަހިކޮށްދީ، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ގެނައި ބަދަލެއް ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
(12 އޮގަސްޓު) ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ)ތަކުގެ އަދަދަށް ރިޢާޔަތްކޮށް، ތިން ހަފުތާގެ މުއްދަތަކަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ބޭންކުން ނިންމާފައިވަނީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. ބީއެމްއެލްއިން މިގޮތަށް ނިންމާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ތިން ހަފުތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެންނެވެ. މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބޭންކުން 186 މިލިޔަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވެއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ.
(12 އޮގަސްޓު) ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާހުކުރުމަށް "ބޭރު ފައިސާއާ ބެހޭ ޤާނޫނު" އަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ ބުދަ ދުވަހުވެ. އެބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ ވޯޓާއެކުއެވެ. އެބިލު ބަލައިގަނެ، ބިލު އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. ސަރުކާރުގެ ފަރާތުން މިބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ. އެ ބިލަކީ ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖަކުރުމަށާއި، ކެޓަގަރީ-އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުމުގެ މަޤްސަދުގައި ހުށަހަޅާފައިވާ ބިލެކެވެ.
(12 އޮގަސްޓު) މާލޭ ވިޔަފާރި ބަނދަރުގެ ބައެއް ޚިދުމަތްތައް އަންނަ އޮކްޓޯބަރުމަހުން ފެށިގެން ތިލަފުށިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އިގުތިޞާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. ވަޒީރު މިހެން ވިދާޅުވީ، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އިގުތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މާލެ ވިޔަފާރި ބަނދަރަކީ 40 އަހަރުވީ ޕޯޓެއް ކަމަށާއި، ނަމަވެސް ނިމިދިޔަ ސަރުކާރުތަކުން ޕޯޓުގެ ޚިދުމަތް ހަރުދަނާކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް ޕޯޓަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ރާއްޖޭގެ އިގުތިޞާދު އިތުރު މިސްރާބަކަށް ގެންދިއުމުގެ މަގުސަދުގައި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް މިސަރުކާރުން ފައްޓަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
(11 އޮގަސްޓު) ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ 2 ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. މިއީ ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓަރ ބޯޓުތައް އޮޕަރޭޓްކުރާ ރާއްޖޭގެ މާކެޓަށް މި މަރުކާގެ ބޯޓުތައް ގެނައުމަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.
(09 އޮގަސްޓު) ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ 4ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ބެޗަށް ކުދިން ހޮވުމުގެ މަރުހަލާ ނުވަތަ ސެލެކްޝަން ޕްރޮސެސް ކުރިއަށްގެންދާނީ މިއަދުން ފެށިގެން މިމަހުގެ 18ވަަނަ ދުވަހާ ހަމައަށެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ 4ވަނަ ބެޗުގެ ސެލެކްޝަން ޕްރޮސެސްގައި ފުރުޞަތު ދީފައިވާނީ 3ވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޖާގަ ނުލިބުނު ކުދިންނަށް ކަމަށެވެ.
(11 އޮގަސްޓު) ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 500އަށްވުރެ ގިނަ މީހުންނާ ބިން ހަވާލުކޮށްފައިވާކަން ހާމަކުރީ ނިމުނު ހަފުތާގެތެރޭގައެވެ. ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ އޮގަސްޓް 10ވަނަ ދުވަހުގެ ނިޔަލަށް 560 ފަރާތަކަށް ގޯތި ހަވާލުކޮށްފަވާކަމަށެވެ. މިއީ ގޯތި ލިބުނު މީހުންގެ ޖުމުލަ އަދަދަށް ބަލާއިރު %80 މީހުންނެވެ.
(12 އޮގަސްޓު) މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ސެމިނަރ، "ސެމިނަރ އޮން ވަރކްޕްލޭސް މެންޓަލް ވެލްބީން" ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ސެމިނަރ ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ސެމިނަރއަކީ، މަސައްކަތުގެ މާހައުލުގައި އުފެއްދުންތެރިކަން ހަރުދަނާކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.
(12 އޮގަސްޓު) ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބަންގްލަދޭޝްގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ އެޗްޕީއެލްއާއެކު އެއްބަސްވުމެއް އެކުލަވާލާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެޗްޕީއެލްއާ ސްޓޭޓް ފާމަސޫޓިކަލްއާ ދެމެދު ވެފައިވާ މިއެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލި އެއްބަސްވުމެކެވެ.
(13 އޮގަސްޓު) އަންހެނުންގެ ޚިޔާލާއި މަޝްވަރާ ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ނުވަތަ ކަންކަން ނިންމާ ފެންވަރުގައި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ އިފްތިތާހުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއީ އިޖްތިމާޢީ އަދާލަތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައިވެސް އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމަނާ، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގެގޮތުގައި ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ސިއްޙަތާއި، ޢައިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ނިޒާމެކެވެ.