ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ހދ. އަތޮޅުގެ މުބާރާތުގެ ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ނައިވާދޫއިން ނޭކުރެންދޫގެ މައްޗަށް ކުރިހޯދައިފިއެވެ.
ހދ. އަތޮޅުގެ މެޗުތައް ކުޅޭ ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުން ނައިވާދޫ މޮޅުވީ 1-3ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ފަސް މިނެޓުގެ ތެރޭގައި ނައިވާދޫއިން ވަނީ ލަނޑެއް ޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ވިސާމެވެ.
މި ހާފު ނިމުނީ 0-1އިން ނައިވާދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ވެސް މާ ގިނައިރުތަކެއް ނުވެ ނައިވާދޫއިން ލަނޑެއް ޖަހާ ލީޑުފުޅާކުރިއެވެ. ދެވަނަ ހާފު ފަށައިގެން 11ވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝާއިނެވެ. އޭގެ ފަސް މިނެޓުފަހުން އިތުރު ލަނޑެއް ޖަހައި ޝާއިން ވަނީ ނޭކުރެންދޫގެ ތިންވަނަ ލަނޑުވެސް ޖަހައިދީފައެވެ.
މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ނޭކުރެންދޫއިން ވަނީ ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަބާން އިބްރާޙީމެވެ.
މި މޮޅާއެކު ނައިވާދޫއިން ތިން ޕޮއިންޓު ހޯދިއިރު މި ދެ ޓީމު ހިމެނޭ ހދ. އަތޮޅުގެ ގްރޫޕް ބީގައި ދެން ހިމެނެނީ ކުރިނބިއެވެ.
މި އަތޮޅުގެ ގްރޫޕް އޭގައި ހިމެނެނީ އަތޮޅު މުބާރާތް ހޯސްޓުކުރާ ނޮޅިވަރަންފަރާއި ކުމުންދޫ އަދި ހަނިމާދޫއެވެ. އެ ގުރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި ނޮޅިވަރަންފަރުން ވަނީ ހަނިމާދޫގެ މައްޗަށް ކުރިހޯދާފައެވެ.
މި އަތޮޅުގެ މެޗުތައް ދެން ކުޅޭނީ 15ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރުގެ މެޗުގައި ބައްދަލުކުރާނީ ނޮޅިވަފަންފަރާއި ކުމުންދޫއެވެ. ރޭގަނޑު މެޗުގައި ކުޅޭނީ ނޭކުރެންދޫއާއި ކުރިނބިއެވެ.