ވިޔަފާރި

ޑޮލަރު ހޯދުމަށް އާއްމުންނަށް އުނދަގުލެއް ނުވާނެ- އެމްއެމްއޭ


ކުރިއަށް އޮތްތަނުގައި ބޭންކްތަކުން ޑޮލަރު ވިއްކަމުންދާ އުސޫލަށް ބަދަލުގެންނެވި ނަމަވެސް ޑޮލަރު ހޯއްދެވުމަށް އާއްމުންނަށް އުނދަގޫތަކާއި ކުރިމަތިލާން ނުޖެހޭނޭކަމުގެ ޔަގީންކަން ދެއްވާކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ބޭންކްތަކުން މިހާރު ޑޮލަރު ވިއްކަމުންދާ އުސޫލަށް ބަދަލު ގެންނަން އުޅޭކަމަށް ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ޕީއެސްއެމްއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެމްއޭގެ މީޑިއާ އޮފިސަރ މަންސޫރު ޒުބައިރު ވިދާޅުވީ، ރައްޔިތުންނަށް ދަތިވާގޮތަކަށް ޑޮލަރު ވިއްކުމުގެ ކަންކަން އެބޭންކުން ހަމަ ނުޖައްސަވާނޭކަމަށެވެ. މިގޮތުން މަރުކަޒީ ބޭންކުން މިބާވަތުގެ ކަންކަން އިންތިޒާމްކުރެއްވުމުގައި އަބަދުވެސް ބައްލަވާނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މަންސޫރު ވިދާޅުވީ، ބޭންކްތައް މެދުވެރިކޮށް ދަތުރުވެރިންނަށް މިހާރު ވިއްކަމުންދާ ޑޮލަރު ގަންނަ އުސޫލަށް ބަދަލު ގެންނެވި ނަމަވެސް ކަނޑައެޅިފައިވާ ޢަދަދަށް ޑޮލަރު ވިއްކަވަމުންދާނޭކަމަށެވެ. އަދި މިހާރު ޢަމަލު ކުރަމުންދާ އުސޫލަށް ބަދަލު ގެންނަވަން ނިންމަވައިފިނަމަ، އެކަން ރައްޔިތުންނާއި ހިއްސާކުރައްވާނޭކަމަށްވެސް މަރުކަޒީ ބޭންކުން ހާމަކުރައްވައެވެ.