ވިޔަފާރި

ކެތޭ ޕެސިފިކުން 30 އިންސައްތަ ޑިސްކައުންޓާއެކު 14 މަންޒިލަކަށް!


ހޮންކޮންގގެ ޤައުމީ އެއަރލައިން، ކެތޭ ޕެސިފިކުން ދިވެހިރާއްޖެއަށް އުދުހުންތައް ބާއްވަން ފެށިތާ 3 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އެއަރލައިން މެދުވެރިކޮށް ރާއްޖެއިން ފުރާ ދަތުރުވެރިންނަށް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ނިންމައިފިއެވެ.

ކެތޭ ޕެސިފިކުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ އެއަރލައިން މެދުވެރިކޮށް، ރާއްޖެއިން ފުރާ ދަތުރުވެރިންނަށް ހާއްސަ އަގެއްގައި މިހާރު ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ. އެ އެއަރލައިންގައި ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން 14 މަންޒިލަކަށް މާލެ ދެކޮޅު ޓިކެޓްގެ އަގުން 30 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނޭކަމަށް ކެތޭ ޕެސިފިކުން ބުނެއެވެ.

މީގެތެރޭގައި ނިޔު ޔޯކް، ސިޑްނީ، މެލްބަން، ސޯލް، ބެއިޖިންގ، ޝެންހައި، ޓައިޕޭ އަދި މެނީލާ ހިމެނެއެވެ. ކެތޭ ޕެސިފިކުން ބުނީ މާދަމައިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ.

ކެތޭ ޕެސިފިކުން ދިވެހިރާއްޖެއަށް އުދުހުންތައް ފަށާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ހޮންކޮންގގެ ޤައުމީ އެއަރލައިން، ކެތޭ ޕެސިފިކުން އޭޝިއާ، އުތުރު އެމެރިކާ، އޮސްޓްރޭލިއާ، ޔޫރަޕް އަދި އެފްރިކާ ހިމެނޭގޮތަށް 200 އަށްވުރެ ގިނަ މަންޒިލްތަކަށް ދަތުރުކުރެއެވެ. މި އެއަރލައިނުން ހިދުމަތް ދިނުމަށް 150 އަށްވުރެ ގިނަ މަތިންދާ ބޯޓް ބޭނުން ކުރަމުންދެއެވެ.