ޕީއެސްއެމްގެ ނިއުސްރޫމުގައި މަސައްކަތް ކުރާ ހިތްވަރުގަދަ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދުގެ ހާލު ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ސާއިދަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހާލު ދެރަވުމާގުޅިގެންނެވެ. ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ސާއިދަށް އައިސީޔޫގައި ފަރުވާދޭން ފަށާފައިވާއިރު، އޭނާ ދިޔައީ އާސަންދައިގެ އެހީގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދަތުރުކުރުމަށް ތައްޔާރުވަމުންނެވެ.
ފަރުވާގެ ހުރިހާ ކަމެއް ހަމަޖެހި މިމަހުގެ 13 ވަނަ ދުވަހު ލަންކާއަށް ދިއުމަށް ހުރިހާކަމެއް އޮތީ ހަމަޖެހިފައެވެ.
ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އޭނާއަށް އެނގުނީ 2018 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެކަން އޭނާއަށް އެނގުނުއިރު ކިޑްނީގެ މަސައްކަތް ހުރީ އެންމެ 13 ޕަސެންޓްގައެވެ.
އެފަހުން އޭނާ ދިޔައީ ޑަޔަލަސިސް ހަދާ، ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި ގާތްއެކުވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ޑޯނަރެއް ހޯދުމުގެ މަސައްކަތް އޭނާ ދިޔައީ ކުރަމުންނެވެ.
ބަލި ޙާލަތާއެކުވެސް ސާއިދު ފާހަގަކުރެވިފައިވަނީ ވަޒީފާއަށް ކަމޭހިތާ، ޕީއެސްއެމްގެ ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ.
ކިޑްނީ ބަލީގެ ވޭނުގައި އުޅެމުން ޑަޔަލަސިސް ހަދަމުންވެސް އޭނާ އެންމެ ޝަޢުގުވެރިވާ ކުޅިވަރުގެ ދާއިރާގެ ޚަބަރުތަކާއި ޕްރޮގްރާމްތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި ސްޕޯޓްސް ޓީމުގައި ސާއިދުގެ ދައުރު ނުހަނު ބޮޑުވެފައި މުހިންމެވެ. ނިއުސް އެޑިޓަރެއްގެ ގޮތުގައި ކުޅިވަރު ޑެސްކުގެ ކަންކަން ބަލަހައްޓަމުންދަނީވެސް ސާއިދެވެ.
އެންމެނާވެސް ގުޅޭ އެކުވެރި މިޒާޖެއްގެ ސާއިދަކީ އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ދިވެހި ކުޅިވަރު އާއިލާއާވެސް ވަރަށް ގާތްގުޅުމެއް ބާއްވަމުން އަންނަ ފަރާތެކެވެ.
2009 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއާއި ގުޅުނު ޒުވާން ސާއިދަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ. ވަކިން ޚާއްސަކޮށް ކޮމެންޓްރީ ދިނުމާއި، ކުޅިވަރު ޕްރޮގްރާމްތައް ހުށަހެޅުމާއި ކުޅިވަރު ޚަބަރުތައް ގެނެސްދިނުމުގައި އޭނާއަކީ ފާހަކޮށްލެވޭ ނޫސްވެރިއެކެވެ.
ޕީއެސްއެމްގެ ކުޑައިގެ ދަށުން ހިންގާ ޓީވީއެމް، ޕީއެސްއެމް ނިއުސް، ދިވެހިރާއްޖޭގެ އަޑު އަދި ޔެސްޓީވީއަށް ބޭނުންވާ ކުޅިވަރު ކޮންޓެންޓުތައް ގެނެސްދިނުމުގައި ސާއިދުގެ ރޯލު ވަރަށް މުހިންމެވެ. ޤައުމީ އަދި ސަރަޙައްދީ ބޮޑެތި ކުޅިވަރު ކަވަރޭޖްތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައިވެސް ސާއިދު ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ.
ކުޅިވަރު އާއިލާގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ސާއިދަށް މިވަގުތު ބޭނުންވަނީ އެންމެންގެ ހެޔޮ ދުޢާއެވެ.