ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ "މައި ކެރިއަރ ޕޯޓަލް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދާޙިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނެވެ.
މިއީ ކެރިއަރ ސަރވިސް (އެން.ސީ.އެސް) އިން ތަރައްޤީކޮށްފައިވާ ރަސްމީ މަސައްކަތެކެވެ. އަދި މިމަސައްކަތަށް ފަންޑްކޮށްފައި ވަނީ ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" ޕުރޮޖެކްޓުންނެވެ.
މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ.
މި ޕޯޓަލްގައި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން، މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމެނިފައިވެއެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނުލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށްދެނެއެވެ. މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކުލަވާލާ 'އެކްޝަން ޕްލޭން' ތައް މޮނިޓަރ ކުރެވޭނެ އިންތިޒާމުވެސް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.
ކެރިއަރ ޕާތުވޭ ޑިޒައިންކުރުމަށް ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދޭނެއެވެ. މިއީ މީހާގެ ތައުލީމީ ފެންވަރާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެކެވެ. މީގެ ސަބަބުން ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި، އިތުރަށް ތަރައްގީކުރަންޖެހޭ ހުނަރުތައް ފަސޭހައިން ދެނެގަނެވޭނެކަމަށް މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ޕޯޓަލް މެދުވެރިކޮށް ވަޒީފާގެ ފުރުޞަތުތައް އިޢުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދޭނެއެވެ. މި މަސައްކަތަކީ ނޭޝަނަލް ކެރިއަރ ސަރވިސް އިސްނެންގެވުމާއެކު، ކުރިއަށްގެންދެވުނުމަސައްކަތެކެވެ.
މި މަސައްކަތްތަކަކީ ވެސް، ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ޤާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވުސް 2.0 ގެ ތެރެއިން ކުރެވިގެންދާ މަސައްކަތެކެވެ.