ސްޕެނިޝް ލަލީގާގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް މި ފަހަރުގެ ޓްރާންސްފަރ މާކެޓްގައި ވިއްކާ ނުލާނެކަމަށް އެޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.
އަލްވަރޭޒް ހޯދުމަށް ލަލީގާގެ އެންމެ ބޮޑު ދެ ކްލަބްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޗެމްޕިއަން ބާސެލޯނާ އާއި ރެއާލް މެޑްރިޑުން މަސައްކަތް ކޮށްފައިވާއިރު އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލްއިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
ރެއާލްއިން ޖޫން މަހުގެ ތެރޭގައި އަލްވަރޭޒް ގަތުމަށް ހުށަހެޅި 150 މިލިއަން ޔޫރޯގެ ބިޑްވެސް އެތުލެޓިކޯއިން ވަނީ ގަބޫލް ނުކޮށް ދޫކޮށްލައިފައެވެ.
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާއަށް ޕްރީ ސީޒަން ޓުއަރ ކުރަމުންދާ އެތުލެޓިކޯ ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީ އާއި ކުޅުމަށް ހަމަޖެހިފައިވާ ރަހްމަތްތެރިކަމުގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަަކަ ދައްކަމުން ސިމިއޯނީ ބުނީ، އަލްވަރޭޒްގެ ކަންތަކުގައި ކަން އޮތްގޮތް ވަރަށް ސާފު ކަމަށެވެ. އޭނާ ބުނީ އަލްވަރޭޒްގެ ކަންތަކުގައި ކްލަބުން ނިންމުމެއް ނިންމާފައިވާކަމަށެވެ.
ކުޅިވަރުގެ ނަޒަރަކުން ބަލާއިރު އަލްވަރޭޒް ފަދަ ކުޅުންތެރިއެއް ޓީމުގައި ހުރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ސިމިއޯނީ ބުނެފައިވެއެވެ.
ސިމިއޯނީ ބުނީ އަލްވަރޭޒްގެ ކުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ކާމިޔާބީ ހޯދުމުގައި އެތުލެޓިކޯއިން ފުރިހަމައަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އަލްވަރޭޒްވަނީ ވޭތުވެދިޔަ ދެ ސީޒަންގައި އެޓީމަށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްދީފަކަމަށް ވެސް ސިމިއޯނީ ފާހަގަ ކުރިއެވެ.
ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ކުޅުމަށްފަހު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަލްވަރޭޒް އެނބުރި އެތުލެޓިކޯއާ ގުޅޭނެއެވެ. ވޯލްޑް ކަޕްގެ ތެރޭގައި ވާހަކަ ދައްކަމުން އަލްވަރޭޒް ބުނީ އޭނާގެ ޓްރާންސްފަރ އެއީ އެންމެންނަށް ރަނގަޅު ގޮތް ކަމަށެވެ. ނަމަވެސް އޭނާ ދާން ބޭނުންވަނީ ކޮން ކްލަބަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މީގެ ދެ އަހަރު ކުރިން ސިޓީން އެތުލެޓިކޯއަށް ބަދަލުވިފަހުން މިހާތަނަށް އަލްވަރޭޒްވަނީ އެޓީމަށް 49 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
އެތުލެޓިކޯގެ ސީއީއޯ މިގުއެލް އެންޖެލް އެ ކްލަބްގެ އިން ހައުސް މީޑިއާ ޗެނަލާ ވާހަކަދައްކަމުން ބުނީ، އެ ކްލަބުން 100 މިލިއަން ޔޫރޯގެ ހުށަހެޅުމާއި 150 މިލިއަން ނުވަތަ 200 މިލިއަން ޔޫރޯގެ ހުށަހެޅުންތައްވެސް ގަބޫލް ނުކޮށް ދޫކޮށްލާފައިވާނެކަމަށެވެ.
މިވަގުތަށް އަލްވަރޭޒަށް އެންމެ ރަނގަޅު މަންޒިލަކީ އެޓްތުލެޓިކޯ ކަމަށާއި އަލްވަރޭޒަކީ އެ ކްލަބްގެ ސެންޓަރ ފޯވަޑް ކަމަށް އަދި އެތުލެޓިކޯއިން ބޭނުންވަނީ އޭނާ އެ ކްލަބްގައި ބަހައްޓަން ކަމަށްވެސް އެންޖެލް ހާމަކޮށްފައިވެއެވެ.