ވިޔަފާރި

ބޮޑެތި ބާރުތަކާއެކު ފްރީ ޓްރޭޑް އެއްބަސްވުން ޤާއިމްކުރަނީ


އިޤްތިޞާދީގޮތުން ދުނިޔޭގެ ބޮޑެތި ބާރުތައްކަމަށްވާ، އެމެރިކާ، ޖަޕާން އަދި އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުން ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމިންގެ އިޤްތިޞާދީ އެޖެންޑާއާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބޮޑު ބަދަލެއް ގެންނެވުން ކަމަށެވެ. ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ޤައުމުތަކާއިއެކު ފްރީ ޓްރޭޑް، ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޖަޕާން، އިނގެރޭސިވިލާތް، އަދި އެމެރިކާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރުމަށް ވާހަކަތައް ފެށުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމަށާ، ދުނިޔޭގެ އެންމެ ބޮޑު ކޮންސިއުމަރ މާކެޓް، ހޮންކޮންއާ އެކު ފްރީޓްރޭޑް އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

" ދިވެހިރާއްޖެއަކީ ވަރަށްބޮޑަށް އިމްޕޯޓް ޑިއުޓީއަށް ބަރޯސާވާ ޤައުމެއް. އެހެންނަމަވެސް ރައީސް ޔާމިންގެ އަމާޒަކަށް މި ވީ ދިވެހިރާއްޖެއަކީ ބަވަނަ ވެފައިމިވާ ދުނިޔޭގައި ވަރަށްބޮޑަށް ގުޅިގެން ބޭރުގެ އަދި ދިވެހި ވިޔަފާރިތަކަށް ހުޅުވާލެވިފަވާ އަދި ދުނިޔޭގެ ޤައުމުތައް ބަލައިގަންނަ ޤައުމަކަށް ހެދުން.. " މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.