ސީ ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ޢިމާރާތްކުރާ ފެލެޓްތަކުގެ ތެރެއިން، 278 ފްލެޓްގެ މަސައްކަތް ކުރުމަށް ޗައިނާގެ ޓްވެންޓީ ތަރޑް އެމް.ސީ.ސީ ކުންފުންޏާ ޙަވާލުކޮށްފިއެވެ.
ސީލައިފް ކުންފުނިން ހުޅުމާލޭގައި ތިން ހާސް ފްލެޓް ޢިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ.
ސީ.ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ޢިމާރާތްކުރާ 3000 ފްލެޓްގެ ތެރެއިން މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތެވެ. މި ފިޔަވަހީގައި 1000 ފްލެޓް ޢިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. މި 1000 ފެލްޓްގެ ތެރެއިން 350 ފްލެޓްގެ މަސައްކަތް ކުރަމުންދަނީ ސްރީލަންކާގެ ކޮރަލް ހޯލްޑިންގްސް ކުންފުނިންނެވެ. ޗައިނާގެ ޓްވެންޓީ ތަރޑް އެމް.ސީ.ސީ ކުންފުންޏާއި ޙަވާލުކުރީ ދެވަނަ ބައިގައި ޢިމާރާތްކުރާ 278 ފްލެޓްގެ މަސައްކަތް ކުރުމަށެވެ.
ޓެވެންޓީ ތަރޑް އެމް.ސީ.ސީ ކުންފުންނިން މިހާރުވެސް ދަނީ ހުޅުމާލޭގައި ސަރުކާރުން ޢިމާރާތްކުރައްވާ 704 ފްލެޓްގެ މަސައްކަތް ކުރަމުންނެވެ. ސީލައިފްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މޫސާ ވިދާޅުވީ އެމް.ސީ.ސީ ކުންފުންޏަކީ މިހާރުވެސް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކުންފުންޏަކަށް ވުމާއެކު އަންނަ މަހުގެ ތެރޭގައި ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ. 1000 ފްލެޓްގެ ތެރެއިން ފަހު ބައިގައި ޢިމާރާތްކުރާ 372 ފްލެޓްގެ މަސައްކަތްވެސް ވަރަށް އަވަހަށް ބަޔަކާ ޙަވާލުކުރައްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސީ ލައިފް ކުންފުނިން ހުޅުމާލޭގައި ހަދާ ފްލެޓްތަކަކީ މެދުފަންތިއާއި، މަތީ ފަންތިއަށް އަމާޒުކުރެވޭ ފްލެޓްތަކެކެވެ. އެއް ކޮޓަރި، ދެ ކޮޓަރި، އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް މި ފްލެޓްތަކުގައި ހިމެނޭއިރު، ކޮންމެ ޓަވަރެއްގެ އެންމެ މަތީ ފްލޯތަކުގައި ޕެންޓްހައުސްތައްވެސް ހުރެއެވެ. ސީލައިފްއިން މިހާތަނަށް ވިއްކުމަށް ހުޅުވާލީ 600 އެޕާޓްމަންޓްގެ ތެރެއިން 90 އިންސައްތަ އެޕާޓްމަންޓް ވަނީ ބުކް ކޮށްފައެވެ. އެ ކުންފުނިން ބުނީ ފްލެޓްތަކުގެ އަމަލީ މަސައްކަތް ފަށައި ގަނެވި، 20 އިންސައްތަ ނިމުމުން ބުކް ކޮށްފައިވާ ފަރާތްތަކުން ޑައުންޕޭމަންޓް ދައްކަން ޖެހޭކަމަށެވެ.