އެފްއޭއެމް ކަޕް ވިނާސް ކަޕް 2026 ގައި ފަހަތުން އަރައި ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފައިނަލާ ގާތައް ޖެހިލައިފިއެވެ.
ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ އެންމެ މަތިން ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ކަށަވަރުވާނެއެވެ. މި މުބާރާތުގައި ވާދަކުރަނީ މާޒިޔާއާ ބުރުގެ އިތުރުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި އޮޑި ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި އޮޑި އަތުން މާޒިޔާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ބުރާސްފަތި ދުވަހު ހަވީރު ބުރު އަތުން ވެސް މާޒިޔާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މާޒިޔާ ފައިނަލާ ގާތައް ޖެހިލީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓްގައި މާޒިޔާ އަށް ލީޑު ނަގައިދޭން ނައްސާހް އިބްރާހީމް ނާސިރަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ހުރެ، ނައްސާހް ފޮނުވާލި ހަމަލާ ބުރުގެ ކީޕަރު ހަސަން އަލީފް އިބްރާހީމް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބުރުގެ އަރީން އަބްދުﷲ އިބްރާހީމް ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިއީ މާޒިޔާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ލަނޑެވެ.
ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނިޓްގައި މާޒިޔާއިން ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މިއީ އިބްރާހީމް އައިސަމް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކޮށްދިން ގޯލެކެވެ.
އަދިި އޭގެ ފަސް މިނިޓް ފަހުން މާޒިޔާއަށް ލީޑު ނަގައިދިނީ ބެންޖެމިން ތޯމަސް ކުކޫ ޖަހައިދިން ގޯލުންނެވެ. މިއީ މި ސީޒަނުގައި މާޒިޔާއަށް ބަދަލުވެ، ކުކޫ ޖަހައިދިން ފުރަތަމަ ގޯލެވެ.
މި ލަނޑަށްފަހު ވެސް މާޒިޔާއަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މާޒިޔާއިން ނުކުންނާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން މިރޭ ނިއުރޭޑިއަންޓުން އޮޑީގެ މައްޗަށް ކުރިހޯދައިފި ނަމަ މުބާރާތުގެ ފައިނަލުގެ ޖާގައެއް މި ދެ ޓީމަށް ކަށަވަރުވާނެއެވެ.