ގަވާއިދާ ޚިލާފަށް ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރުމަކީ، ދިވެހި ވިޔަފާރިވެރިންގެ ހައްގުތަކާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ދިވެހިންގެ އާމްދަނީގެ ބޮޑު ހިއްސާއަކަށްވާއިރު، އެ ފުރުޞަތުތައް ބޭރު މީހުން އަތްދަށަށް ދިޔުމަކީ ޤައުމުގެ ކުރިމަގަށް އޮތް ނުރައްކަލެކެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާކަމުގެ ޝަކުވާއަކީ އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާ ޝަކުވާއެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް މިދިޔަ ނޮވެންބަރުމަހު، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ވަނީ އޮޕަރޭޝަންތަކެއް ފަށާފައެވެ.
އިޤުތިޞާދީ ވުޒާރާއާއި، ދާޚިލީ ވުޒާރާ އާއި ސަރުކާރުގެ ތަންފީޒީ އިދާރާތައް ކަމަށްވާ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭ ގޮތަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށް، ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ވަނީ ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައެވެ.
އިޤުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އެ އޮޕަރޭޝަންގެ ތެރެއިން 447 ވިޔަފާރިއަކާ ގުޅޭ ޝަކުވާ ލިބިފައިވެއެވެ. އަދި މި ޝަކުވާތަކާއި ގުޅިގެން 247 ތަނެއް ބަލައި ފާސްކޮށް، 107 ވިޔަފާރިއެއް ބަންދުކޮށްފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ވިޔަފާރިތަކުން ޤަވާއިދާ އެއްގޮތަށް ކަންކަން ތަރުތީބު ކުރުމުން 68 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިތައް ހިންގަމުން އައި ބިދޭސީންނާއި، ވިޔަފާރިތައް ކޮންޓްރޯލް ކުރަމުން އައި ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ ސަބަބުން އެމީހުން ކޮންޓްރޯލް ކުރަމުންދިޔަ އެތައް ވިޔަފާރިއެއް ދިވެހިންގެ އަތްމައްޗަށް ލިބިފައިވެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ކޮންޓްރޯލްކުރާ ބިދޭސީންގެ މައްސަލަ ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގެ އިތުރުން، އާންމު ފަރުދުންގެވެސް ޒިންމާ ބޮޑެވެ.
މި މައްސަލަ ހުއްޓުވުމަށްޓަކައި، ގާނޫނާ ޚިލާފަށް އެއްވެސް ފަރާތަކަށް ވިޔަފާރި ކުރުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ. އަދި އިޤުތިސާދީ ފައިދާ ދިވެހިންނަށް ލިބޭނެކަން ކަށަވަރު ކުރުމަކީ އެންމެންގެ ޒިންމާއަކަށް ހަދަންޖެހެއެވެ.
އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެ ލިސްޓުގައި 30 އަށްވުރެ ގިނަ ދާއިރާއެއް ހިމަނާފައިވެއެވެ.