ޚަބަރު

އޭޝިއަން ކަޕް ކޮލިފިކޭޝަނުން ނޭޕާލާއި ފިލިޕީންސް ވަކިވެއްޖެ


  • ނޭޕާލް ހިމެނުނީ ޑިވެލޮޕްމަންޓް ފޭސްގެ ގްރޫޕް "އައި" ގައި

  • ފިލިޕީންސް ހިމެނުނީ ގްރޫޕް "އޭ" ގައި

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ވާދަކުރާގޮތަށް އޮތް ނޭޕާލާއި ފިލިޕީންސް އިން ކޮލިފިކޭޝަނުން ވަކިވެއްޖެއެވެ.

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕު ކުރިއަށްދާނީ ޗައިނާގައެވެ.

މި ދެ ޤައުމުން ކޮލިފިކޭޝަނުން ވަކިވެފައިވާއިރު ފިލިޕީންސް ހިމެނުނީ ކޮރެއާ އާއި ލުބުނާން އަދި ކިރްގިސްތާނާއެކު ގްރޫޕް އޭގައެވެ. އެ ޓީމުން މުބާރާތުން ވަކިވުމުން ދެން ގްރޫޕް އޭގައި ހިމެނޭނީ ތިން ޓީމެވެ.

ނޭޕާލް ހިމެނުނީ ކޮލިފިކޭޝަނުގެ ޑިވެލޮޕްމަންޓް ފޭސްގައި، ގްރޫޕް އައިގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ގުއާމް، މޮންގޯލިއާ އަދި ނޮދާން މަރިއާނާ އައިލެންޑްސް އެވެ.

ކޮލިފިކޭޝަނުން ފިލިޕީންސް ވަކިވީ، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ލީޑަރޝިޕަށް އައި ކުއްލި ބަދަލުތަކާއެކު، އިންޓާނަލް މިސްމެނޭޖްމަންޓުތަކެއް ކުރިމަތިވެގެންނެވެ. މިއާއެކު ބޭނުންވާ މާލީ ކަންކަން ހަމަނުޖެހި، އެންމެ އެދެވޭ ގޮތެއްގައި އެ ޤައުމުގެ ޓީމަށް ކޮރެއާ ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެވޭނެކަމަށް ގަބޫލުނުކުރެވޭތީ އެ ޤައުމުން ނިންމީ ކޮލިފައިންގައި ވާދަ ނުކުރާށެވެ.

އެހެންކަމުން 2029 ވަނަ އަހަރުގެ ކޮލިފައިންގައި ފިލިޕީންސް ޖެހޭނީ ޑިވެލޮޕްމަންޓް ފޭސްގައި ވާދަކުރާށެވެ.

ކޮލިފައިންއިން ނޭޕާލް ވަކިވާން މަޖުބޫރުވީ ފީފާގެ ސަސްޕެންޝަނުގެ ސަބަބުންނެވެ. ފީފާއިން ނޭޕާލް ސަސްޕެންޑުކުރީ ޖޫން މަހުގެ 24ވަނަ ދުވަހުއެވެ. އެއީ އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުގައި ތިންވަނަ ފަރާތެއްގެ ނުފޫޒެއް އޮތްކަމަށް ބުނެއެވެ.

ކޮލިފިކޭޝަނުގައި ވާދަކުރާ ސާފްގެ ގައުމުތަކަށް ބަލާއިރު، ބޫޓާން ވާދަކުރަނީ ގްރޫޕް ޖޭގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޗައިނީސް ޓައިޕޭ، ސިންގަޕޯ އަދި މަކާއޯއެވެ. ގްރޫޕް ބީގައި އިންޑިއާއާއި ބަންގްލަދޭޝް ވާދަކުރަން ޖެހޭއިރު، މި ގްރޫޕްގައި ދެން ހިމެނެނީ ސީރިއާ އަދި އުޒްބެކިސްތާންއެވެ.

ރާއްޖެ، ލަންކާ އަދި ބޫޓާން ވާދަކުރަން ޖެހޭނީ މި ގްރޫޕްގެ ޑިވޮލޮޕިންގ ފޭސްގައެވެ. އިންޑިއާ އަދި ބަންގްލަދޭޝް ވާދަކުރާނީ ކޮލިފިކޭޝަން ފޭސްގައެވެ.

މި ފަހަރުގެ މުބާރާތުގައި ނޭޕާލަށް ވާދަނުކުރެވޭނެއެވެ. ފީފާއިން ވަނީ ނޭޕާލްގެ ފުޓުބޯޅަ ސަސްޕެންޑްކޮށްފައެވެ. އެހެންވެ އަންނަ ނޮވެމްބަރު މަހު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގައި ވެސް ނޭޕާލަށް ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.