ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމްގެ ޕާޓްނަރަކަށް މޯލްޑިވިއަން


އިންޑިއާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ އެއަރލައިން ޕާރޓްނާރއެއްގެ ގޮތުގައި ޤައުމީ އެއަރލައިން މޯލްޑިވިއަން ހަމަޖައްސަވައިފިއެވެ.

މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސްއެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، އެއަރލައިން ޕާރޓްނަރ އެއްގެ ގޮތުގައި މޯލްޑިވިއަން ހަމަޖެއްސެވީ، ހެޔޮއަގެއްގައި ފަސޭހަކަމާއެކު ފޯރަމްގައި ބައިވެރިވާ ފަރާތްތަކަށް ދަތުރުކުރުމުގެ މަގު ފަހިކޮށްދެއްވުމަށްކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ، މިފޯރަމަކީ ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތުތައް ފަހިކުރެއްވުމަށް ކަމަށާއި، އަދި އިންވެސްޓްމަންޓް ފޯރަމުގައި އިޝްތިހާރުކުރައްވަން ބޭނުންވާ ފަރާތްތަކަށްވެސް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލްހާރިސް ވިދާޅުވީ، މި ހަފްތާތެރޭގައި ޓިކެޓް ވިއްކަން ފަށާނެ ކަމަށާއި، މިހާރުވެސް ބުކިންގ ހެއްދޭނެ ކަމަށެވެ. އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ މިދަތުރުގެ ޓިކެޓްގެ އަގަކީ 250 ޑޮލަރު ކަމަށާއި، ރާއްޖެއިން ދިއްލީ އަށް ފުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ. އަދި އިންޑިޔާއިން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހު ކަމަށް ހާރިސް ވިދާޅުވިއެވެ.

ނޮވެމްބަރުމަހުގެ އެކާވީހުން ބާވީހަށް އިންޑިއާގެ ނިއުދިއްލީގެ ތާޖް ޕެލެސްގައި ބާއްވާ މި ފޯރަމް ކުރިއަށްދާނީ ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބަރސް އޮފް ކޮމަރސް އެންޑް އިންޑަރސްޓްރީ، (އެފްއައިސީސީއައި) އާ ގުޅިގެނެވެ. އެފްއައިސީސީއައި އަކީ އިންޑިއާގެ ދުއިސައްތަ ފަންސާސް ހާހަށްވުރެ ގިނަ ކުންފުނި ތަމްސީލްކުރާ ޖަމްޢިއްޔާއެކެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެކުރިން ޗައިނާގެ ބެއިޖިންގ އަދި ސިންގަޕޫގައި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ކުރިއަށްގެންގޮސްފައެެވެ.