ޚަބަރު

ޕީޕީއެމްގެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅައިފި


ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ހަވާލުކުރެއްވުމަށް ސިވިލްކޯޓާއި ހައިކޯޓުން ނިންމެވި ނިންމެވުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސުޕްރީމްކޯޓްގައި އިސްތިޢުނާފްކުރައްވައިފިއެވެ.

ޕީޕީއެމްގެ ހިންގެވުން އެޕާޓީގެ މުސްތަޝާރާއި ހަވާލުކުރެއްވުމަށް ސިވިލްކޯޓުން މިމަހުގެ 16 ވަނަދުވަހު އަމުރުކުރެއްވީ އެޕާޓީގެ މަޖިލިސް 2 މެމްބަރުންކަމަށްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރުން މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެނެވެ. ދަށު ކޯޓްގެ ނިންމެވުމާއި ހިތްހަމަނުޖެހިގެން ޕީޕީއެމްގެ އާއްމު މެމްބަރަކު އެ މައްސަލަ ހައިކޯޓަށް ހުށައެޅުމުން އެ ކޯޓުންވެސް ވަނީ ދަށު ކޯޓްގެ ހުކުމަށް ތާއީދުކުރައްވާ އެ ހުކުމް ދަމަހައްޓަވާފައެވެ.

ރައީސް މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ މިއަދު ސްޕްރީމްކޯޓަށް ހުށައެޅުއްވި ނަމަވެސް އެ މައްސަލަ ބަލައިގަތުމާއި މެދު ސުޕްރީމްކޯޓުން އަދި ވަކިގޮތެއް ނުނިންމަވައެވެ. ސުޕްރީމްކޯޓްގެ ޤަވާއިދު ބުނާގޮތުން އެކޯޓަށް ހުށައަޅާ މައްސަލައެއް ބަލައިގަތުމާއި މެދު ގޮތެއް ނިންމަވާނީ އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.