ޚަބަރު

"ސަރުކާރުގެ އަމާޒަކީ ޤައުމުދެކެ ލޯބިވާ، އެކުވެރި މުޖުތަމަޢެއް ބިނާކުރުން"


  • ގައުމީ ބަތަލުންނަށް އިހްތިރާމް އަދާކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވި

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޤައުމުދެކެ ލޯބިވާ، އެކުވެރި އަދި އުފާވެރި މުޖުތަމައެއް ބިނާކުރުންކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް ގުޅިގެން ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކުރުމަށާއި، ޤައުމަށް މިނިވަންކަން ހޯދައިދެއްވި ބަތަލުންގެ ޒިކުރާ އާކުރުމަށް މިފަދަ މުބާރާތްތައް ބޭއްވުން މުހިންމުކަމަށެވެ. އަދި މުބާރާތުގެ ފެންނަން ހުރި ކުރެހުންތަކާއި ތަސްވީރުތަކުން ފެންނަނީ ދަރިވަރުންނާއި ޒުވާނުންގެ ހިތްތަކުގައި ޤައުމާ މެދު އޮތް މަތިވެރި ޝުޢޫރުތަކާއި ޖަޒުބާތުތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޤައުމުދެކެ ލޯބިވާ، އެކުވެރި އަދި އުފާވެރި މުޖުތަމައެއް ބިނާކުރުންކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާއްޞަގޮތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރުމާއި، ޤައުމީ ރޫޙު އާލާކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ކާބަފައިން މި ޤައުމުގެ މިނިވަންކަމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީގެ ނަމޫނާގައި ހިފަހައްޓައި، އަންނަން އޮތް ޖީލުތަކަށް ޤައުމުގެ މިނިވަންކަން ފޯރުކޮށްދިނުމަށް ހުރިހާ ދަރިވަރުންނަށް އިލްތިމާސްކުރާކަމަަށެވެ.

"ދިވެހި ޤައުމުގެ މިނިވަންކަމަކީ ވަރަށް ބޮޑުކަމެއް. ތިޔަ ކުދިންގެ ކާބަފައިން ވަރަށް ބޮޑު ޤުރުބާނީއެއް ވަރަށް ބޮޑު ޖިހާދެއް އަދި ވަރަށް ބޮޑު ހިތްވަރަކާއެކު މި ޤައުމު ތި ކުދިންނާއި ހަމައަށް އައިސްފައިވަނީ. އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމައްޓަކައި ތި ކުދިން އަތުކުރި އޮޅާލަންޖެހޭ. ހިތްވަރުކުރަންޖެހޭ، ހިތުގައި އަޒުމް އާލާކުރަންޖެހޭ. ދިވެހި ޤައުމަށް ވަފާތެރިވާން. ދިވެހި ޤައުމުގެ ޝަރަފާއި ކަރާމާތް ހިފަހައްޓަން. ދިވެހި ޤައުމަކީ ތިޔަ ކުދިންގެ ފަހުން އަންނަ ޖީލުތަކަށް އަމާނަތްތެރިކަމާއެކު ވާސިލުކޮށްދިނުމައްޓަކައި މަސައްކަތްކުރަންޖެހޭ"ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މަދުންނަމަވެސް ޤައުމަށްޓަކައި ޖިހާދުވާ އަބުތޯލުންނާއި ބޭހޭގޮތުން ކުޑައިމީސްކޮށް ބަސްބުނާތަން ފެންނަމުންދާކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުން ދުރުހެލިވެ، ޤައުމަށްޓަކައި ޖިހާދުވި މަތިވެރި އަބްޠާލުންގެ ޒިކުރާ އާކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސްކޫލްތަކާއި ބެލެނިވެރިން އިސްނަގައިގެން، ދިވެހި އަބްޠާލުން ޤައުމަށްޓަކައި ކޮށްދެއްވި މަތިވެރި ޚިދުމަތާއި ވެވަޑައިގަތް ޤުރުބާނީގެ ވާހަކަތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.