ތަޢުލީމު

ބުރުނާއީގެ ސްކޯލަރޝިޕްތައް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފި


ބުރުނާއިގެ ފަރާތުން ރާއްޖެއަށް ދެއްވަމުންގެންދަވާ ސްކޯލަރޝިޕްގެ އަދަދު އިތުރުކޮށްދެއްވުމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިކަމަށް އެދިވަޑައިގެންނެވީ ބުރުނާއީ ދާރުއްސަލާމްގެ ޔުނިވަރސިޓީ އިސްލާމް ސުލްތާން ޝަރީފް އަލީގެ ކޮންވޮކޭޝަންގައި ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ބުރުނާއީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ އެޑިޔުކޭޝަން މިނިސްޓަރާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

މި ބައްދަލުކުރެއްވުން އޮތީ، ބުރުނާއި ދާރުއްސަލާމުގެ އެޑިޔުކޭޝަން މިނިސްޓްރީގައެވެ. މިބައްދަލުކުރެއްވުމުގައި ޑރ.ޝަހީމް ވަނީ މަތީ ތަޢުލީމީ ދާއިރާއިން ބުރުނާއީން ރާއްޖެއަށް ސްކޯލަރޝިޕްތައް ދެމުންގެންދާކަން ފާހަގަކުރައްވާ އެކަންކަމަކީ ދެޤައުމުގެ ގުޅުން ބަދަހިވުމުގެ އަސްލަކީ އެއީކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ބުރުނާއީން ރާއްޖެއަށް ދެއްވަމުންދާ ސްކޯލަރޝިޕްގެ އަދަދު އިތުރުކޮށްދެއްވައި، ޚާއްސަކޮށް އިސްލާމިކް ފައިނޭންސާއި އެޑިޔުކޭޝަންގެ ދާއިރާ އާއި ޝަރިޢާ އެންޑް ލޯގެ ދާއިރާއިން ފުރުސަތުތައް ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސްކޯލަރޝިޕްގެ ފުރުސަތު ދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދައްލުވުމުގައި ޑރ ޝަހީމް ވަނީ، ރާއްޖެ ވަޑައިގަތުމަށް ބުރުނާއީގެ އެޑިޔުކޭޝަން މިނިސްޓަރަށް ދައުވަތު އަރުއްވާފައެވެ.