ރިޕޯޓް

"ލ.އަތޮޅު ބޮޑު މަގަކީ އެންމެ ފެންވަރު ރަނގަޅު މަގު"


ހައްދުންމަތީ ބޮޑު މަގަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު މަގުކަމަށާއި، މަގުގެ މަސައްކަތް ކުރި ޗައިނާ ކުންފުނިން އެ މަސައްކަތް ކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ހައްދުންމަތީ ބޮޑު މަގުގެ ޢަމަލީ މަސައްކަތް ނިމިފައިވުމާއެކު، ދިވެހި ސަރުކާރާ އެ މަޝްރޫޢު ޙަވާލުކުރުމުގެ ކުރިން، ހައުސިންގ މިނިސްޓްރީގެ އިންޖިނިއަރިންގ ޓީމަކުން ވަނީ މަސައްކަތުގެ ފެންވަރު ބެއްލެވުމަށް މިދިޔަ ސެޕްޓެމްބަރު މަހު ލ.އަތޮޅުގައި ޙަރަކާތްތެރިވެފައެވެ. އެ ޓީމުން ވަނީ މަސައްކަތުގެ ފެންވަރާއި، މަސައްކަތް ފުރިހަމަ ވެފައިވާ މިންވަރާއި، އަދިވެސް އިންޖިނިއަރިންގއާ ގުޅޭ ބެލުންތައް ބެލުމަށްފަހު ރިޕޯޓެއް އެކުލަވާލާފައެވެ. 

އެ ރިޕޯޓާގުޅޭގޮތުން ހައުސިންގ މިނިސްޓަރުގެ ނާއިބު ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މިހާރު ރާއްޖޭގައި އޮތް އެންމެ ފުރިހަމަ މަގަކީ ލ.އަތޮޅުގެ ބޮޑު މަގުކަމަށާއި، މަގުގެ މަސައްކަތްކުރި ޗައިނާގެ ޖިއާންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޮޓޭޝަން އިންޖިނިއަރިންގ ކޯޕަރޭޝަނުން އެ މަސައްކަތް ކޮށްފައިވަނީ ވަރަށް ފުރިހަމައަށްކަމަށެވެ. 

ނަމަވެސް މަގު ރަސްމީކޮށް ހުޅުވުމުގެ ކުރިން އަދިވެސް ބައެއް ކަންތައްތައް ފުރިހަމަ ކުރަން ޖެހޭކަމަށް މުއްޠަލިބު ފާހަގަކުރެއްވިއެވެ. އެގޮތުން މަގަކީ ހައިވޭއެއްގެ ގޮތުގައި ސްޕީޑް ބްރޭކަރ ހަރުނުކޮށް ހަދާފައިވާ މަގަކަށްވިޔަސް، މަގު ބޭނުންކުރާ އާންމުގެ ސަލާމަތަށްޓަކައި ސްޕީޑް ބްރޭކަރ ހަރުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަގުގެ މެދުބައިގައި، ގަސް އިންދުމަށް ބަޔަކާ ޙަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މުއްޠަލިބު ވިދާޅުވިއެވެ. މުއްޠަލިބު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެމަގު ރަސްމީކޮށް ހުޅުވުން ކަމަށެވެ. 

ހައްދުންމަތީ ބޮޑު މަގު ހުޅުވުމަށް އެއަތޮޅުގައި ކުލަ ގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ހައުސިންގ މިނިސްޓްރީން ދަނަނީ ތައްޔާރުވަމުންނެވެ. މުއްޠަލިބު ވިދާޅުވީ ބޮޑު މަގުގެ މަޝްރޫޢަކީ އެއަތޮޅަށް މިހާތަނަށް ލިބިގެންދާ އެންމެ ބޮޑު ތަރައްޤީކަމަށާއި، އެހެންކަމުން ސަރުކާރުންވެސް އެމަގު ހުޅުވުމަށް ވަރަށް ބޮޑު ރަސްމިއްޔާތެއް ބާއްވަވާނެ ކަމަށެވެ.