އަހަރުގެ ފުރަތަމަ 6 މަހު ލޯނުތައް އަނބުރާ ދެއްކުމަށް ދަޢުލަތުން 9.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިކަން ހާމަވެފައިވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މަންތުލީ ފިސްކަލް ޑިވޮލޮޕްމެންޓް ރިޕޯޓުންނެވެ. ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރު 12.9 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް މާލީ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތަަކަށް ބަލާއިރު ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރުގެ ފުރަތަމަ 6 މަހު މުޅި ޖުމްލަ 9.2 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ޚަރަދުކޮށްފައިވަނީ 3.3 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 178 އިންސައްތަ އިތުރު އަދަދެކެވެ.
ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ޚަރަދު އިތުރުވެފައިވީ ނަމަވެސް މިދިޔަ މަހު މިކަމަށް ކުރި ޚަރަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ޖޫންމަހުގެ ތެރޭގައި ލޯނުތައް އަނބުރާ ދެއްކުމަށް ދަޢުލަތުން 288 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަަމަށް ޚަރަދުކުރި 697 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 58 އިންސައްތަ ދަށް އަދަދެކެވެ.
ސަރުކާރުން މި އަހަރު ބޮޑެތި ލޯނުތައް ދެއްކުމުގައިވެސް ބޭނުންކުރީ އެސްޑީއެފް ފަންޑަށް ޖަމާކޮށްފައިވާ ފައިސާއެވެ. ސޮވެރިން ފަންޑަކީ، ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަންކަމަށް އަދި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.
2016ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވެރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ، ޖަމާކުރަމުންނެވެ. އެއީ، އެއަރޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓް ކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.