އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހިގުޅުމެއް އޮތުން މުހިންމުކަމަށް ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މެސެޖުގައި ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރެއްވިއެވެ. އަދި މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވީ ބަޠަލުންނަށް ހެޔޮދުއާކޮށްދެއްވިއެވެ.
ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ޤައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށް އަދި އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށް، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
"އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރަން. ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން" ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދަންނަވަމެވެ. މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވީ ބަޠަލުންނަށް ހެޔޮދުއާ ރައްދުކުރަން!
— Dr Mohamed Muizzu (@MMuizzu) July 26, 2026
މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން… pic.twitter.com/86Fn3eBqcO
ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަފާތު އެކި ހަރަކާތްތައް ވަނީ ތާވަލުކޮށްފައެވެ. މިހަރަކާތްތައް ފަށާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ދެދުވަހަށް ބަހާލައިގެން މިމަހުގެ 26 އަދި 27 ވަނަ ދުވަހު ކުރިއަށް ގެންދާނެއެވެ. މިއަދު ހެނދުނު 9:00ގައި ސޯޝަލް ސެންޓަރުގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނެއެވެ. ރަސްމިއްޔާތުގެ ތެރެއިން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 61 ބޭފުޅަކަށް އަރުވާނެއެވެ. މިރޭ ރޭގަނޑު 8:15ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި ހޯމަ ދުވަހުވެސް އިތުރު ހަރަކާތްތައް ކުރިއަށްދާނެއެވެ.