ރިޕޯޓް

ބަނދަރު ހެދުމުގެ 1.6 ބިލިއަން ރުފިޔާގެ އަގުހުރި މަޝްޜޫއުތައް!


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމުގެ ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން މިހާރު ކުރިއަށް އެބަގެންދަވައެވެ. img:http://s1.psmnews.mv/images/660x400/14571044959259.jpg|އުތީމުގެ ބަނދަރު ހެދުމުގެ ކުރިން އެރަށަށް އަރާ ފައިބާ އުޅުނުގޮތް- ފައިލް ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ އަމާޒަކީ، 2017 ވަނަ އަހަރު ފެށެންވާއިރަށް ބަނދަރު ހަދަންޖެހޭ ހުރިހާ ރަށެއްގެ މަސައްކަތް ފެއްޓެވުމެވެ. ރާއްޖޭގެ ބައެއް ރަށްތަކަށް ކުރިމަތިވެފައިވާ ލަފާފޭބުމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ. މި ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 48 ރަށެއްގައި، ބަނދަރުގެ ހެދުމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ބަނދަރު ހެދުމުގެ މަޝްރޫޢުތައް މިހާރު ކުރިއަށްދާ 48 ރަށުގެ ތެރެއިން 15 ރަށެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމި، ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި، ބާކީހުރި ރަށްތަކުގެ މަސައްކަތް 2017 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމަވާނެ ކަމަށް މިނިސްޓްރީ ވިދާޅުވިއެވެ.

ބަނދަރު ހެދުމުގެ މަޝްރޫޢުތައް މިހާރު ކުރިއަށްދާ ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުގެ  3 ރަށަކާއި، ހދ. އަތޮޅުގެ 4 ރަށަކާއި، ށ. އަތޮޅުގެ 2 ރަށަކާއި، ނ. އަތޮޅުގެ 5 ރަށަކާއި، ރ. އަތޮޅުގެ 5 ރަށަކާއި، ބ. އަދި ޅ. އަތޮޅުގެ 3 ރަށަކާއި، ކ. އަތޮޅުގެ 4 ރަށަކާއި، އދ. އަތޮޅުގެ ރަށަކާއި، ފ. އަތޮޅުގެ 2 ރަށަކާއި، ދ. އަތޮޅުގެ ރަށަކާއި، މ، ލ. އަދި ގއ. އަތޮޅުގެ 3 ރަށަކާއި، ތ. އަދި ގދ. އަތޮޅުގެ 2 ރަށެއްގެ އިތުރުން ފުވައްމުލައް ސިޓީ ހިމެނެއެވެ.

މިއީ ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި އަލަށް ބަނދަރު ހެދުމާއި، ބަނދަރު ބޮޑުކުރުމާއި، ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުތައްވެސް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ، 2018 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ރަށަކަށް އެކަށީގެންވާ ބަނދަރެއް ހެއްދެވުމެވެ. އަދި 2017 ވަނަ އަހަރު، ފެށެންވާއިރަށް ބަނދަރު ހައްދަވަންޖެހޭ ހުރިހާ ރަށެއްގެ މަސައްކަތް ފެއްޓެވުމެވެ.