ޚަބަރު

ކަލާފާނު ސްކޫލުން އެންމެ މޮޅު ދަރިވަރަކީ މުޙައްމަދު ޒަކިން


މިދިޔަ އަހަރު ކަލާފާނު ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމް އެސްކޫލްގެ މިދިޔައަހަރުގެ ކެޕްޓަން މުޙައްމަދު ޒަކިން ހޯދައިފިއެވެ. 

އެސްކޫލްގައި މިދިޔަ އަހަރުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ރޭ  ވަނީ ބާއްވާފައެވެ. ރޭގެ ޖަލްސާގައި މިދިޔަ އަހަރު އެކި ގޮތްގޮތުން ފާހަގަ ކުރެވުނު ދަރިވަރުންނަށްވަނީ އިނާމާއި ހަނދާނީ ލިޔުން ދެއްވާފައެވެ. މީގެތެރޭގައި ގްރޭޑް އަށަކުން މަތީގެ ކްލާސްތަކުން ވަކިވަކި މާއްދާތަކުން ވަނަވަނަ ހާޞިލް ކުރި ދަރިވަރުންނާއި މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެކިގޮތްގޮތުން ފާހަގަ ކުރެވުނު ދަރިވަރުންނާއި އެ އިމްތިހާނުން ވަކިވަކި މާއްދާތަކުން ދުނިޔޭގެ އަދި ރާއްޖޭގެ ފެންވަރުގެ ވަނަތައް ހޯދި ދަރިވަރުން ހިމެނެއެވެ.  އަދި ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުން ވަނަތައް ހާޞިލް ކުރި ދަރިވަރުންނަށްވެސްވަނީ އިނާމާއި ހަނދާނީ ލިޔުން ދެއްވާފައެވެ. މިދިޔަ އަހަރު އެސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ 2015 ވަނަ އަހަރު އެސްކޫލްގެ ކެޕްޓަން މުޙަމަދު ޒަކިންއެވެ. ހުރިހާގޮތަކުން ދެވަނައަށް އެންމެ މޮޅު ދަރިވަރަކީ ތިޙްނާން އިބްރާހީމް ޒާހިރެވެ. އަދި ތިންވަނައަށް އެންމެ މޮޅު ދަރިވަރަކީ ޙުސެއިން ޝައްމާހް މުޙައްމަދެވެ. 

ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ދަރިވަރުންނަށް އިނާމާއި ތައްޓާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަރިޔަމް އަޒްރާއެވެ. މިޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އަޒްރާ ވިދާޅުވީ ސަރުކާރުން ގެންގުޅުއްވާ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު ކާމިޔާބު ކަމަށާއި، އެކި ދާއިރާތަކުން ތައުލީމީ ދަރިވަރުން ޤައުމަށް ނުހަނު ބޭނުންވެފައިވާކަމަށެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކަލާފާނު ސްކޫލްގެ ޕްރިންސިޕަލް ރަޙްމާ ޢަބްދުއްރަޙްމާން ވަނީ، މިދިޔަ އަހަރަކީ އެސްކޫލަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން 2014 ވަނަ އަހަރަށްވުރެ މިދިޔައަހަރުގެ ނަތީޖާ މަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. ޕްރިންސިޕަލް ވިދާޅުވީ އެސްކޫލުން މަސައްކަތް ކުރަނީ ދަރިވަނުންނަށް ތައުލީމް އުގަންނައިދިނުމުގެ އިތުރުން ޢަމަލީ މައިދާނުގައިވެސް ހަރުދަނާ ދަރިވަރުންގެ ގޮތުގައި ތަމްރީނު ކުރުވުމަށްކަމަށެވެ.

ކަލާފާނު ސްކޫލްގައި މިދިޔައަހަރު އެއްހާސް ހަތަރުސަތޭކަ ނުވަދިހަ ފަސް ދަރިވަރުން ތަޢުލީމް ހާސިލް ކޮށްފައިވެއެވެ. އެސްކޫލަކީ ގްރޭޑް އެކަކުން ގްރޭޑް 10 އަކަށް ކިޔަވައިދޭ ސްކޫލެކެވެ.  އަދި އެސްކޫލުންދަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މެއިން ސްޓްރީމްކޮށްގެން އެކި ގްރޭޑްތަކުގައި ތައުލީމު އުނގަންނައިދެމުންނެވެ. 

ކަލާފާނު ސްކޫލު ހުޅުވާފައިވަނީ 25 ޖުލައި 1989ގައެވެ.