ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ 200 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވިދާޅުވީ، ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ސީދާ ހުށަހެޅުނު އަދި އެހެން މުއައްސަސާތަކަށް ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތައް 236 އަށް އަރާ ކަމަށާއި، ގެވެށި އަނިޔާގެ މައްސަލައިގެ ރިފަރަލްތަކުގެ ޖުމްލަ އަދަދު 258 އަށް އަރާފައިވާ ކަމަށެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން 59.3 އިންސައްތަ މައްސަލަ ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުގެ މުއައްސަސާތަކަށެވެ. މީގެ އިތުރުން ށ. އަތޮޅާއި ހދ. އަތޮޅުން ރިޕޯޓުކޮށްފައިވާ މައްސަލަތައް ގިނަކަން ތަފާސްހިސާބުތަކުން ދައްކައެވެ.
2026 ވަނަ އަހަރުގެ އޭޕްރީލް މަހުން ޖޫން މަހުގެ ނިޔަލަށް (ދެވަނަ ކުއަރޓަރ) މި އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތަފާސްހިސާބު ރިޕޯޓުން ފާހަގަކޮށްލެވޭ މުހިއްމު ބައިތައް
— Family Protection Authority (@FPAMaldives) July 19, 2026
އިތުރަށް ވިދާޅުވުމަށް: https://t.co/jQn2OA37yU pic.twitter.com/GegplENRrq
ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި ގެވެށި އަނިޔާ ލިބުނު މީހުންގެ ތެރެއިން 208 މީހުންނަކީ އަންހެނުން ކަމަށްވާއިރު، 73 މީހުންނަކީ ފިރިހެނުންނެވެ. އޭގެ ތެރޭގައި 18 އަހަރުން މަތީގެ 170 މީހަކު ހިމެނޭއިރު 18 އަހަރުން ދަށުގެ 38 ކުޑަކުދިން ހިމެނޭ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ގެވެށި އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމެވެ. މީގެ އިތުރުން ބިރުދެއްކުމާއި ޖިސްމާނީ އަނިޔާ ދިނުން ހިމެނޭ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވިދާޅުވިއެވެ.
ގެވެށި އަނިޔާއާ ގުޅިގެން ޤާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. ގެވެށި އަނިޔާއަށް މީހުން ހޭލުންތެރިކުރުމަށް ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.