ރާއްޖޭން ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި ވަކާލާތު ކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސައުދި ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ނިންމަވާލައްވައި ރާއްޖެ ވަޑައިގަންނަވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު އިރުތިޝާމް އާދަމް ޖިއްދާއަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. މިއީ ޣައްޒާގެ ސުލްހައިގެ މަގުޗާޓު ތަންފީޒު ކުރުމަށް ޔަހޫދީ ދައުލަތުން ފާޅުގައި ދެކޮޅު ހަދަމުން ދިއުމާއި ގުޅިގެން ސައުދި ޢަރަބިއްޔާ އިސްވެ ބޭއްވި ބައްދަލުވުމެކެވެ.
ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯއައިސީ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ތަމްސީލް ކުރައްވަމުން ވަޒީރު އިރުތިޝާމް އާދަމް ވަނީ ފަލަސްޠީނުގެ ހައްގުގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވާފައެވެ. އެގޮތުން، ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރައްވައި ޔަހޫދީންގެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވައި، ޔަހޫދީ ދައުލަތުގެ މައްޗަށް ބައިނަލްއަގްވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
🌍 Departing Jeddah after participating in the Extraordinary Meeting of the Council of Foreign Ministers of the @OIC_OCI.
— Iruthisham Adam ( Iru) (@IruthishamAdam) August 28, 2026
Grateful for the opportunity to engage in critical discussions with fellow Member States of the Islamic world on alleviating the suffering of the… pic.twitter.com/mS8JIFFBh7
އިސްލާމީ އުއްމަތުގެ ރިވެތި އުސޫލުތަކާ ހަމަތައް ދެމެހެއްޓުމަކީ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ފުޅާކުރުން މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި ހައްޤުތައް ހޯދައިދިނުމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ގާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ވަޒީރު ވަނީ ދެއްވާފައެވެ.
މީގެއިތުރުން ދެމެހެއްޓެނިވި ސުލްހައަށް އޮތް މަގެއްގެ ގޮތުގައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޣައްޒާ ކޮންފްލިކްޓް" ތަންފީޒުކުރުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވައި ރާއްޖެއަށް ފުރާ ވަޑައިގަންނަވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވަޒީރު އިރުތިޝާމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކުރުމަށް އިސްލާމީ ޤައުމުތަކާއެކު މަޝްވަރާ ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރުވެރިވެވަޑައިގެންނަވާ ކަމަށެވެ. އަދި ރާއްޖޭން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ކެނޑިނޭޅި ވަކާލާތު ކުރާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.
ޖިއްދާގައި ކުރިއަށްދިޔަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ވަނީ އިސްލާމީ ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވައި ރާއްޖެއާއި އެޤައުމުތަކުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.