ސިޔާސީ

ޝުޖާއު އާއި ވަޙީދު ޕީޕީއެމް ކައުންސިލުން ވަކިކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާޙިމް ޕީޕީއެމް ކައުންސިލު މެމްބަރުކަމުން ވަކިކުރަން، ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ޝުޖާޢު އާއި ވަހީދު ޕާޓީގެ ކައުންސިލް މެމްބަރުކަމުން ވަކިކުރަން ނިންމީ، އެ ދެ މެމްބަރުންނާއި ގުޅޭގޮތުން އެކޮމިޓީއަށް ހުށަހެޅުނު މައްސަލަ ބެއްލެވުމަށްފަހުއެވެ. ކޮމިޓީން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ޝުޖާއު އާއި ވަޙީދު ޕާޓީގެ ވިޕްލައިނާއި ޚިލާފަށް މަޖިލީހުގައި ވޯޓް ދެއްވުމާއި، އެކި އެކި ފޯރަމްތަކުގައި ޕާޓީ ބަދުނާމުވާ ގޮތަށް ވާހަކަދެއްކެވުން ހިމެނެއެވެ. އަދި ޕާޓީއާ ގުޅޭގޮތުން ކޯޓުން ކުރައްވާފައިވާ ޙުކުމަކަށް ތަބާނުވެ އެޙުކުމާ ދެކޮޅަށް ޝުޖާއު އާއި ވަޙީދު މަސައްކަތް ކުރަމުންދާކަން ކޮމިޓީގެ ނިންމެވުމުގައި ވަނީ ފާހަގަކޮށްފައެވެ. 

މެމްބަރު ޝުޖާއު އާއި މެމްބަރު ވަޙީދު ޕީޕީއެމްގެ ކައުންސިލުން ވަކިކުރައްވާފައިވާކަން ޕީޕީއެމްއިން ވަނީ އެ ދެ މެމްބަރުންނަށް ރަސްމީކޮށް މިހާރު އަންގާފައެވެ.