ކުޅިވަރު

ވޯލްޑް ކަޕް: އަގުދަށްވި ކުޅުންތެރިންނާއި ޤައުމުތަކަށް ލިބުނު ކުރިއެރުން


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ތަރިންގެ ވިދުވަރުން އުޖާލާވެފައިވާ ޖަގަހައެއް. އެއީ ގައުމުތަކަށް އިމެއްމިނެއްނެތި ދުނިޔެ އަށް ހުޅުވިގަންނަން ލިބޭ ދޮރާށްޓެކެވެ. އެމެރިކާގައި މިރޭ ނިމޭ ވޯލްޑް ކަޕަކީ ވެސް މިފަދަ މުބާރާތެކެވެ. މި މުބާރާތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ކުޅުންތެރިޔަކީ މޮރޮކޯގެ އައްޔޫބް ބުއާދީ އެވެ. ބްރެޒިލާ ދެކޮޅަށް އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ދެއްކި ކުޅުމުގެ ކުރިން އޭނާގެ އަގު އުޅުނީ 60 މިލިއަން ޑޮލަރުގަ އެވެ. އެކަމަކު އެ މެޗަށް ފަހު މިހާރު ފްރާންސްގެ ލިލްއިން އޭނާ ވިއްކާލަން ކިޔަނީ މަދުވެގެން 94 މިލިއަން ޔޫރޯ އެވެ.

ފްރާންސް ފައިނަލަށް ނުގޮސް ކެޓި ނަމަވެސް މައިކަލް އޮލީސޭ އަށް ވަނީ ބޮޑެތި ޓީމުތަކުގެ ކަޅި އަމާޒުވެފަ އެވެ. ވޯލްޑް ކަޕުން އޭނާ ސާބިތު ކޮށްދިނީ ދުނިޔޭގެ އެންމެ މޮޅު އެއް އަރިމަތީ މިޑްފީލްޑަރަކީ އޭނާކަމެވެ. 168 މިލިއަނުން އޭނާގެ އަގު 188 މިލިއަށް މަތިވެގެންދިއުމާއެކު ބަޔާން މިއުނިކަށް މިހާރު ވަނީ އޭނާ ހިފަހެއްޓަން ދަތިވެފަ އެވެ.

ސްޕޭނުގެ ލަމީން ޔަމާލާއި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އާއި އައިވަރީ ކޯސްޓްގެ ޔާން ޑިއޯމަންޑޭގެ މާކެޓް އަގަށް 10 މިލިއަން ޑޮލަރު އިތުރުވީ ވެސް އެ މީހުންގެ މޮޅު ކުޅުމުގެ ސަބަބުންނެވެ. ޔަމާލްގެ އަގު 282 މިލިއަން ޑޮލަރުގައި އުޅޭއިރު ޗެލްސީގެ އެންޒޯގެ އަގު 128 މިލިއަނަށް އަދި ޔާންގެ 121 މިލިއަނަށް އެރީ ރޮކެޓް ސްޕީޑުގަ އެވެ. ފްރާންސްގެ ބްރެޑްލީ ބާކޮލާގެ އަގު ވެސް ވަނީ ހަ މިލިއަން ޑޮލަރު ކުރިއަށް ޖެހިލާފަ އެވެ.

އެންމެ ބޮޑު މާޔޫސް ކަމެއް ވެރިވި އެއް ކުޅުންތެރިއަކީ ބާސެލޯނާއިން ގަންނަން އުޅޭ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒެވެ. އޭނާ އަށް އެތްލެޓިކޯ މެޑްރިޑުން 200 މިލިއަން ޑޮލަރު ކިޔަސް މާކެޓްގެ އަގު ވަނީ 140 ވެއްޓިފަ އެވެ. މުބާރާތް ފެށިއިރު 140ހުރި އިނގިރޭސި މިޑްފީލްޑަރު އެލިއޮޓް އެންޑަސަންގެ އަގު ވަނީ 128 އަށް ތިރިވެފަ އެވެ. ނަމަވެސް ކާބޯވާޑޭގެ ކީޕަރު އުމުރުން 40 އަހަރުގެ ވޮޒީނިއާގެ އަގަކީ ވޯލްޑް ކަޕްގެ ކުރިން އެންމެ ފަންސާސް ހާސް ޔޫރޯ އެވެ. އެކަމަކު މިހާރު އޭނާގެ އަގު 2 މިލިއަން ޑޮލަރަށް އެރިއިރު ސޯޝަލް މީޑިއާއިން އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ 17 މިލިއަން ފަހަނައަޅައި ގޮސްފަ އެވެ.

އެންމެ ފާހަގަ ކުރެވުނު އަނެއް ކަމަކީ އޭނާގެ މަޝްހޫރު ކަމާހެދި ކާބޯތަކެތި ވިއްކާ ކޮޒީނިއާ ބްރޭންޑްގެ ފޮލޯވަރުންގެ އަދަދު ވެސް އެއް ލައްކައިން އެއް މިލިއަން ފަހަނައަޅައިދިއުމުންނެވެ. އޭނާއާ ވެސް ހެދި ފަސްލައްކަ މީހުންގެ ގައުމުގެ ވާހަކަ އޮޅުންފިލުވަން ގޫގަލް ކުރި މީހުން އަދަދު މިލިއަން ގުނާލެވުނުއިރު ކާބޯވާޑޭ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ފަސް ހާސް ގުނަ އިތުރުވެފަ އެވެ. މުބާރާތުގައި އަލަށް ވާދަކުރި ކިއުރަސާއޯ މަޝްހޫރުވެ އެ ގައުމަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަނީ 9 ޕަސެންޓުން 12 ޕަސެންޓަށް ކުރިއަރާފަ އެވެ. އަހަރަކު 8 ލައްކައެއްހާ މީހުން ގެނައުމަށް ކިއުރަސާއޯ ޖެހި ޓާގެޓް ވޯލްޑް ކަޕާއެކު ހާސިލްވެފައިވާއިރު މި އަހަރު އެކަނި ވެސް އެ ގައުމަށް ދާ މީހުންގެ އަދަދު ދެ ގުނަވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.

ފީފާ އާއި ވިޔަފާރި ޖަމާއަތްތަކުން އަންދާޒާ ކުރާ ގޮތުގައި ވޯލްޑް ކަޕާއެކު ކުޅިވަރު ހަރަކާތްތަކުން ދައުރުކުރާ ފައިސާގެ އަގު ތިން ޓްރިލިއަން ޑޮލަރަށް އަރާއިރު ވޯލްޑް ކަޕުން އެކަނި ވެސް މުޅި ދުނިޔޭގައި މިލިއަނެއްހާ ވަޒީފާ އުފެދިގެންދާނެ އެވެ. އޮކްސްފޯޑް އިކޮނޮމިކްސްއިން ބުނާ ގޮތުގައި މި މުބާރާތުން އެކަނި ވެސް އެމެރިކާ އަށް 1.24 މިލިއަން މީހުން ޒިޔާރަތް ކުރާނެ އެވެ. މީގެ ތެރެއިން 60 ޕަސެންޓް މީހުންވާނީ މުޅިން އަލަށް އެ ގައުމަށް ޒިޔާރަތް ކުރާނެ މީހުންނަށް. މިއެންމެންނާއެކު 13.9 ބިލިއަން ޑޮލަރު މުބާރާތަށް އާއްމުން ހޭދަ ކުރާނެ އެވެ. އެކަމަކު އެމެރިކާ އަށް ކިތަންމެ މޮޅުތަކެއް ލިބުނަސް މުބާރާތް ބޭއްވި އަނެއް ދެ ގައުމު ކަމަށްވާ މެކްސިކޯ އާއި ކެނެޑާ އަށް މި މުބާރާތް ބާއްވައިގެން ލިބުނު ކުރިއެރުމެއްނެތް. އާއްމުން އެތިބީ ރުޅިމޫނު ހަދައިގެންނެވެ.