އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ކުރިއަށްގެންދާ ބައްދަލުވުންތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ޕާޓީތަކަށް ފިޔަވަޅު އެޅުމުގައި ގެންގުޅޭ އުސޫލު ހަރުދަނާކުރުމަށްކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކާއެކު އިލެކްޝަންސް ކޮމިޝަނުން ބާއްވަމުންދާ ބައްދަލުވުންތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ޕާޓީތަކަށް ފިޔަވަޅުއެޅުމުގައި ޕާޓީތަކަށް ޤަބޫލުކުރެވޭ ހަމަހަމަ އުސޫލެއް ގެންގުޅުމަކީ މުހިންމުކަމެއްކަމަށް އެ ކޮމިޝަނުން ޤަބޫލުކުރާކަމަށެވެ. އެހެންކަމުން ޕާޓީތަކާއި މަޝްވަރާކޮށްގެން އެ އުސޫލު ހަރުދަނާކުރުމަކީ ކޮމިޝަންގެ ވިސްނުންކަމަށް ހަސަން ފާހަގަކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ސިލްސިލާކޮށް ސިޔާސީ ޕާޓީތަކާއި ބައްދަލުކުރަމުން އައިސްފައިވާ ކަމަށާއި، މިހާރު ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް ފަށާފައި މި ވަނީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހުގައި ކަމަށް ހަސަން ވިދާޅުވިއެވެ. އެގޮތުން ފާއިތުވި 2 ހަފްތާއެއްހާ ދުވަހު ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ބައްދަލުވުންތައްކުރިއަށް ގެންގޮސްފައިވާކަމަށް ފާހަގަކުރެއްވިއެވެ.
"މި ބައްދަލުވުންތައް ފުރަތަމަ މިގެންދަނީ ވަކިވަކިން. ބަދަލުގެންނަން ،މަޝްވަރާކުރަން ޖެހޭ ކަންކަމުގައި ހުރިހާ އެންމެން މަޝްވަރާކުރަން އިށީންނާނަން. އާއްމުން ވެސް ބޭނުންވާ ބަދަލެއް އޮތިއްޔާ ލީޑަރޝިޕާއި ހަމައަށް ގެންނަންވީ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އާއްމުންގެ ޚިޔާލު ޕާޓީ މެދުވެރިކޮށް އަޅުގަނޑުމެންނާއި ހަމައަށް އައުން" އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ދާނަމަ އަންނަ އޮގަސްޓްމަހުގެ ކުރީކޮޅާއި ހިސާބަށް ހުރިހާ ސިޔާސީ ޕާޓީއަކާއި ވަކިވަކިން ބައްދަލުކުރެވޭނެ ކަމަށެވެ. އަދި އެހާ ހިސާބުން ހުރިހާ ޕާޓީތައް އެކުވެގެން މަޝްވަރާތައް ފެށޭނެކަމަށް އުއްމީދުކުރެވޭކަމަށް ހަސަން ވިދާޅުވިއެވެ.
މިހާތަނަށް އެ ކޮމިޝަނުން ބައްދަލުކޮށްފައިވާ ދެ ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާއެވެ. ހަސަން ވިދާޅުވީ އެ ބައްދަލުވުންތަކުގައި ޕާޓީތަކަށް ދިމާވާ ދަތިތަކާއި، ކަންކަން ވިލަރެސްކުރުމުގައި ޕާޓީތަކަށް ފަސޭހަވާނެ ގޮތަށް އުސޫލަސް އިސްލާޙު ގެނައުމާއި މެދު ޕާޓީތަކާއެކު މަޝްވަރާކޮށްފައިވާ ކަަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ގެނައުމުގައި ޕާޓީތަކާއި މަޝްވަރާކޮށްގެން މީގެ ކުރިން ވެސް އީސީން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި ޕާޓީތަކުގެ ޚިޔާލާއި އެކު ކަންކަން ތަރުތީބުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.