މިދިޔަ ސަރުކާރުން ދޮންބޭޒް ކުންފުންޏާ ހަވާލުކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްނުދާތީ އެއްބަސްވުންތައް ބާތިލުކޮށް، އެހެން އުސޫލެއްގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މަޖިލީހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ދޮންބޭޒް ކުންފުންޏަކީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދުގެ ކުންފުންޏެކެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ދޮންބޭޒް ކުންފުންޏާ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށް، އެޑްވާންސްގެ ގޮތުގައި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫއާއި، ގއ. ވިލިނގިއްޔާއި، ޅ. ހިންނަވަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން ދޫކުރި ފައިސާ ހިމެނެއެވެ.
ވަޒީރު ވިދާޅުވީ، އެޑްވާންސް ފައިސާ ނަގައިގެން މަސައްކަތް ކުރިއަށްނުދާތީ ކުޅުދުއްފުށީ މަޝްރޫޢު މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެޑްވާންސް ފައިސާ އަނބުރާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިހުށަހެޅީ އެޑްވާންސް ޕޭމެންޓް ގެެރެންޓީ. އެވެސް މިއޮތީ އެއިރުގެ ސަރުކާރުން އެކްސެޕްޓްކޮށްފައި އޮތީ ކޮންޑިޝަނަލް ބޮންޑެއް. އަޅުގަނޑުމެން އޭތި ހޯދަން އިންޝުއަރެންސް ކުންފުންޏަށް ފޮނުވުމުން އެބައޮތް ނުލިބޭނެ ކަމަށް ބުނެފައި. އެހެންވީމާ ޙަޤީޤަތުގައި އަޅުގަނޑަށް ނޭނގޭ އެ އެޑްވާންސް ރިކަވަރ ކުރާނީ ކިހިނެއްކަން" ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ދޮންބޭޒް ކުންފުނިން ގިނަ މަޝްރޫއުތައް ނަގާފައިވަނީ، މާކެޓު ރޭޓަށްވުރެ ކުޑަ އަގުތަކެއްގައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެޑްވާންސް ފައިސާ ނެގުމަށްފަހު އެ ފައިސާއިން ކުރީ ކޮން ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެއްވެސް ރަށެއްގައި އަމަލީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެ އެއްބަސްވުންތައް ބާތިލުކޮށް، އެހެން އުސޫލެއްގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އެމްޑީޕީ ސަރުކާރުން އަތޮޅު ތެރޭގައި ގެދޮރު ބިނާކުރުމުގެ 6 މަޝްރޫއެއް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއެވެ. މި މަޝްރޫޢުތަކުގެ ޖުމްލަ އަގު 705 މިލިއަން ރުފިޔާއަށް އަރައެވެ. 2023 ވަނަ އަހަރު އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މީގެ ތެރެއިން އެންމެ މަޝްރޫއެއް ފިޔަވައި އެހެން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް އެ ކުންފުނިން ނިންމާފައެއް ނުވެއެވެ.