މުނިފޫހިފިލުވުން

700 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ފައިސާގެ ނޫޓެއް !


ފައިސާ އަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެއާއި ނުލާ މިހާރު ނޫޅެވޭނެ އެއްޗެކެވެ. އެހެންކަމުން ކޮންމެ މީހެއްގެ އަތުގައިވެސް ކޮންމެވެސް މިންވަރަކަށް އަބަދުވެސް ފައިސާ ހުންނާނެއެވެ. ކިޔައިދޭން މިއުޅެނީ ފައިސާގެ މުހިއްމުކަމުގެ ވާހަކައެއް ނޫނެވެ. ނަމަވެސް 700 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ފައިސާގެ ނޫޓެއް ފެނުނު ވާހަކައެވެ.

އޮސްޓްރޭލިއާގެ މޮސްގްރީން ނީލަމުގެ އޭޝިއާ ބައްރުގެ ތަކެއްޗާބެހޭ ބައިގެ އިސްވެރިޔާ ރޭ ޓްރެގަސްކިސް އަށް 700 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފައިސާގެ ނޫޓެއް ފެނުނީ 14 ވަނަ ޤަރުނުގައި ލަކުޑިން ހަދާފައިވާ ބުދެއް ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. މިނޫޓް ފެނިފައިވަނީ ބުދުގެ ބޮލުގެ ތެރޭގައި ބޮނޑިކޮށްލާފައި ފޮރުވާފައި އޮއްވައެވެ. އިތުރަށް ދިރާސާކުރުމުން މި ނޫޓަކީ ޗައިނާގެ މިންގ ދަރިކޮޅުގެ ވެރިކަމުގައި ޗާޕްކޮށްފައިވާބެންކް ނޫޓެއްކަން އެނގުނެވެ. މިއީ އެންމެ ފުރަތަމަ ޗައިނާގައި ފައިސާ ޗާޕްކުރަން ފެށުނު ދުވަސްވަރު ޗާޕްކޮށްފައިވާ ނޫޓްތަކުގެ ތެރެއިން ނޫޓެކެވެ.

"މިއީ ފުރަތަމަ ފަހަރު ބުދެއްގެ ތެރެއިން ފައިސާގެ ނޫޓެއް ހޯދި. އަހަރުމެން ވަރަށް ޙައިރާންވި. އަދި ފައިސާގެ ނޫޓުގައި ލިޔެފައިވާ ލިޔުންކޮޅު ތަރުޖަމާކުރުމުން އިތުރަށް މިކަމާ އަހަރުމެން ޝައުޤުވެރިވި" ޓްރެގަސްކިސް ބުންޏެވެ. އިހުޒަމާނުގައި ހަދާފައިވާ ބުދުތަކުގެ ތެރެއިން އެކި ކަހަލަ ޖަވާހިރާ، މުހިއްމު ލިޔެކިއުމާއި އެހެނިހެން ތަކެތި ފެނުނުނަމަވެސް، ފައިސާގެ ނޫޓެއް ފެނިގެން ދިއުމަކީ ގިނަ ބަޔަކަށް ޙައިރާންކަން ލިބިގެންދިޔަކަމެކެވެ.

img:http://s3.psmnews.mv/images/660x400/14770458700138.jpg|ފައިސާގެ ނޫޓް ފޮރުވާފައި އޮތް ބުދު / ފޮޓޯ: މޮސްގްރީން އޮކްޝަން

" އަގުބޮޑެތި މުހިއްމު ތަކެތި މިފަދަ ބުދުތަކުގެ ތެރެއިން ފެނުމަކީ ވަރަށް ޢާންމުކަމެއް. އެކަމަކު އަހަރުމެން ދުވަހަކުވެސް އަޑެއް ނާހަން މިފަދަ އެއްޗަކުން ފައިސާ ފެނުނު ވާހަކައެއް" އޭޝިއާގެ ބައްރުގެ މިފަދަ ތަކެތި ދިރާސާކުރާ ތަޖުރިބާކާރެއް ބުންޏެވެ. 

ބުދުގެ ބޮލު ތެރޭގައި ފައިސާ ފޮރުވަން ދިމާވި ސަބަބު ހޯދުމަކީ އުނދަގޫކަމެއް ނަމަވެސް، ނޫޓުގައި ތާރީޚު ޖަހާފައި އޮތުމުން ފައިސާ ފޮރުވާފައި އޮތް ބުދުގެ އުމުރާއި ތާރީޚް ހޯދުމަށް ދިރާސާކުރި ފަރާތްތަކަށް ފަސޭހަ ވެގެންދިޔައެވެ. އެގޮތުން ބުދުގެ ތެރޭގައި ފައިސާ ފޮރުވާފައިވަނީ އޭތި އުފެއްދިތާ ފަންސާހަކަށް އަހަރުފަހުން އެބުދު މަރާމާތުކުރުމުގެ ތެރޭގައިކަމަށް ދިރާސާކުރި ފަރާތްތަކުން ލަފާކުރެއެވެ. ތަޖުރިބާކާރެއް ބުނި ގޮތުގައި މިބުދަކީ ސާދަވަނަ ޤަރުނުގައި ހަދާފައިވާ ގިނަ ޢަދަދެއްގެ ބުދުތަކުގެ ތެރެއިން ބުދެކެވެ. މި ނޫޓަކީ ޗައިނާގައި 300 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ވެރިކަންކުރި މިންގ ދަރިކޮޅުގެ ވެރިކަމުގައި ތައްޔާރުކޮށްފައިވާ ނޫޓެކެވެ. މިންގ ދަރިކޮޅުގެ ބާނީ އަދި ފުރަތަމަ އެމްޕެރަރ ހޮންގވޫގެ ވެރިކަމަކީ ބައިނަލްއަޤްވާމީ ވިޔަފާރިއާއި އާބާދީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ދުވަސްވަރެކެވެ. މިދުވަސްވަރު ޗައިނާގައި ޒަމާނުއްސުރެ ބޭނުންކުރަމުންދިޔަ ރިއްސާއި ރަނުގެ ފައިސާ ފޮތިތައް ކަރުދާހަށް ބަދަލުކުރުމުގެ މަސައްކަތް ފެށިއެވެ.

img:http://s2.psmnews.mv/images/660x400/14770458387933.jpg|700 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފައިސާގެ ނޫޓް / ފޮޓޯ: މޮސްގްރީން އޮކްޝަން

ބުދުގެ ތެރެއިން ފެނުނު ފައިސާ ނޫޓުގައި އެމްޕެރަރ ހޮންގވޫގެ ސިއްކަ ފެންނަ ހުރެއެވެ. އަދި ވަރަށް ޙައިރާންކުރަނިވި ލިޔުންކޮޅެއް އެނޫޓުގައި ލިޔެފައިވެއެވެ.

" ޑިޕާރޓްމަންޓް އޮފް ފައިނޭންސް އިން ހުއްދަ ދީފައިވާ މި ބެންކް ނޫޓަކީ، ފައިސާ ފޮއްޗާއި އެއްވަރު އެއްޗެއް. ވަގު ނޫޓް ބޭނުންކޮށްފިނަމަ ބޯ ބުރިކޮށްލެވޭނެ. އަދި އެފަދަ ކަމެއް ރިޕޯޓްކުރާ މީހަކަށް ފައިސާގެ އިނާމަކާއެކު ކުށްކުރި މީހާގެ ހުރިހާ މުދަލެއް ލިބޭނެ" 700 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިނޫޓުގައި ލިޔެފައިވެއެވެ. 

މިނޫޓަކީ އެޒަމާނުގައި ބޭނުންކުރި ނޫޓްތަކުގެ ތެރެއިން އެންމެ މަތީ ޢަދަދުގެ ނޫޓެކެވެ. މިހާތުގެ އަގުންނަމަ މިނޫޓުގެ އަގަކީ ގާތްގަނޑަކަށް 98 ޑޮލަރެވެ. ނީލަމެއްގައި ވިއްކާލާނަމަ ދެހާސް ޑޮލާރާއި ހަތަރު ހާސް ޑޮލަރާއި ދެމެދުގެ އަގެއްގައި މި ނޫޓް ވިކޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. މިހާ ގިނަދުވަސްވީ ނޫޓެއް ބަލާލަން ބޭނުންވާނޭ އެތައް ބަޔަކު ތިބުމާއެކު، ބުދާއެކު ނޫޓްވެސް އެކި ޤައުމުތަކަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިމަހުގެ 21 އިން 23 އަށް އޮސްޓްރޭލިއާގެ މެލްބަންގައި މި ނޫޓާއި ބުދު ދައްކާލުމަށް ހަމަޖެހިފައިވާއިރު، ނޮވެމްބަރު 3 އިން 6 އަށް މިތަކެތި ހުންނާނީ ލަންޑަނުގައެވެ. އެއަށްފަހު ނޮވެމްބަރު 24 އިން 27 އަށް މިތަކެތި ހުންނާނީ ހޮންކޮންގގައެވެ. އަދި އެއަށްފަހު މިއަހަރުގެ ޑިސެމްބަރުމަހު އޮސްޓްރޭލިއާގައި މިތަކެތި ނީލަން ކިއުމަށްވަނީ ހަމަޖެހިފައެވެ.