ޚަބަރު

މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުވާނީ ސަރަހައްދީ ތަރައްޤީ ތަންފީޒުވެގެން: ރައީސް


  • ރައީސް ވިދާޅުވީ މާލެއަށް މީހުން ބަދަލުވާންޖެހޭ ސަބަބުތައް ބަލަންޖެހޭ ކަމަށް

  • ޕާކިން މައްސަލަ ހައްލުކުރަން ޕާކިން 2 ބިލްޑިންގެ މަސައްކަތް މިއަހަރު ފެށޭނެ

ރާއްޖޭގެ ސަރަހައްދީ ތަރައްޤީގެ މަސައްކަތްތައް ތަންފީޒުވެ ނިމުމުން މާލޭގެ ކާރުބާރު ބޮޑުކަމަށް ލުއި ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ، މާލޭގެ މަގުތަކުގައި ތޮށްޖެހިފައިވާ މައްސަލަ ގުޅިފައިވަނީ ރާއްޖޭގެ ކަންކޮޅުތަކުން މާލެއަށް މީހުން ބަދަލުވާން ޖެހުމުގެ މައްސަލައާ ކަމަށެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލޭގެ މަގުތަކާއި އެއާއި ގުޅޭ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް އަލިއަޅުވާލައްވާފައެވެ. މާލެއަށް ދިމާވެފައިވާ މައްސަލަތަކުގައި ބަލަން ޖެހެނީ މާލެއަށް މީހުން ތޮށްޖެހެން ޖެހޭ ސަބަބަށް ކަމަށާއި، މިކަމަކީ ސަރުކާރުތަކުން ރާއްޖޭގެ ތަރައްޤީ ބައްޓަން ކުރި ގޮތުން ދިމާވި މައްސަލައެއް ކަމަށެވެ. މިކަން ހައްލު ކުރުމަށް ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން އާބަން ސެންޓަރުތައް ތަރައްޤީ ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އުތުރުގެ ތަރައްޤީގެ އިންޓަގްރޭޓެޑް ޒޯނެއްގެ މަސައްކަތް މިކުރަނީ. ދެކުނުގައި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލުތަކާއި މިހެން ހުރި ވަޒީފާގެ ފުރުސަތުތަކާއި ހުރިހާ ކަމެއް ހިމެނޭހެން، ހުރިހާ ޚިދުމަތެއް ޤާއިމްކޮށް 7 އަރބަން ސެންޓަރެއް ކަނޑައަޅާ އެ ފެންވަރުގައި ހުރިހާ ޚިދުމަތެއް ޤާއިމްކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ނޫންތޯ އަޅުގަނޑުމެން ފަށައިގެން މިއުޅެނީ. އެމަސައްކަތް ނިމޭއިރު ފެނިގެންދާނެ މާލެއިން އެތަންތަނަށް މީހުން ބަދަލުވާތަން." ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް މީހުން ބަދަލުވުމުގައި މައިގަނޑު 3 ސަބަބެއް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެއީ، ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތު ހޯދުމަށާއި، ތަޢުލީމު ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އާބާދީ 40 އިންސައްތަ މާލެ ސަރަހައްދުގައި ދިރިއުޅޭއިރު، މިކަންކަމަކީ ސަރަހައްދީ ތަރައްޤީއާއި ގުޅިފައިވާ ކަންކަން ކަމަށާއި، ސަރުކާރުން އެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ސަރަހައްދީ ތަރައްޤީގެ މަސައްކަތް ކުރިނަމަވެސް މާލެ ސަރަހައްދުގައި އަޅާނުލެވި ދޫކޮށްފައިހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްވެސް އެކުގައި ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މާލެ ރައްޔިތުންނަށް ފަސޭހަވާނެހެން ވަސީލަތްތައް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިމަސައްކަތުގެ ތެރެއިން މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް ޕާކިން ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިއަހަރު ތެރޭގައި 2 އިމާރާތެއްގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭ މަދުވެގެން ޕާކިންގ 2 ބިލްޑިންއެއްގެ މަސައްކަތް ފަށާނަން. އެކަމަށްވެސް ދުވަސްތަކެއް ނަގައިފި. އަޅުގަނޑުމެން ފުރަތަމަ ބެލީ ބޭރުގެ އެހީގައި އެކަން ކުރެވޭތޯ. އެކަން އެގޮތުގައި ގެންދާކަން އަޅުގަނޑު ގަސްތެއް ނުކުރަން އެހެންވީމަ މާލޭގައި ޕާކިންގ ދެ ބިލްޑިން މަސައްކަތް ހުޅުމާލޭގައި 2-3-4 ބިލްޑިންގގެ މަސައްކަތް ފަަށައިފި އެހެންވީމަ މިމަޝްރޫޢުތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ ޕާކިންއަށް ހައްލުތަކެއް އައިސް ހަނި ގޯޅިތަކުގައި ހުންނަ މައްސަލަތަކަށްވެސް ވަގުތީ ހައްލެއް އަންނާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ވަށާޖެހޭ ހައްލެއް ގެނައުމަށް ކަމަށެވެ. އެކަން ކުރެވޭނީ، މައްސަލަތަކުގެ މުލުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައިގެން ކަމަށާއި، މިހާރު ކުރަމުންދަނީ އެމަސައްކަތް ކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.