ސިއްހަތު

"މެޑިކަލް ކޮލެޖް ޤާއިމްކުރެއްވުމުގެ މަސައްކަތް ދަނީ ކުރިއަށް"


ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ޤައުމީ ޔުނިވަރސިޓީއާ ހަޔަރ އެޑިއުކޭޝަން ގުޅިވަޑައިގެން ކުރިއަށްގެންދަވާކަމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ސާމިޔާ ވިދާޅުވެއްޖެއެވެ.   

ސިއްޙީ ދާއިރާގެ މާސްޓަރ ޕްލޭނާއި ގުޅޭ ގޮތުން ޓީވީއެމް ރާއްޖެމިއަދު ޕްރޮގްރާމްގައި މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ސާމިޔާ ވިދާޅުވީ، މި ޕްލޭން އެކުލަވާލެއްވުމުގައި ބައްލަވާފައި ވަނީ ރާއްޖޭގެ މިހާރުގެ ޞިއްޙީ ހާލަތާއި، މިދާއިރާގައި އިތުރަށް ހަރުދަނާ ކުރައްވަން ޖެހޭ ކަންކަމަށް ކަމަށެވެ. އަދި  ޞިއްޙީ ދާއިރާގެ ލަނޑުދަނޑި ޙާޞިލް ކުރެއްވުމަށް ކުރެއްވޭނެ ކަންތައްތައް ބައްލަވާ، އެކަންކަން މޮނިޓަރ ކުރެއްވޭނެ ގޮތްތައްވެސް ބައްލަވާފައިވާނެކަމަށް ސާމިޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރައްވާ 80 އިންސައްތަ ޑޮކްޓަރުނާއި، 60 އިންސައްތަ ނަރުހުންނަކީ ބިދޭސިންކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ދިވެހި ޑޮކްޓަރުންނާއި ނަރުހުން ބިނާކުރެއްވުމަށް ބޭނުންވާ މިންވަރަށް ބޭރުގެ ޔުނިވަރސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް ޖާގަ ނުލިބޭކަމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

"ރާއްޖޭގައި ސްޕްޝަލައިޒް މީހުން ރާއްޖެހިން ބޭރުން ތަމްރީނުވެފައި މި ތިބެނީ. އެހެންކަމުން، މަދުމަދުން، މަޑުމަޑުން ސިއްޙީ ރާއްޖޭގައި މިއޮތް ބޭނުންތަކަށް ބަލާފައި ބޮޑައްބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގައި ތަމްރީން ދޭން ފަށަން މިޖެހެނީ. މެޑިކަލް ކޮލެޖުގެ މަސައްކަތް ޔުނިވަރސިޓީއާއި ގުޅިގެން ކުރެވެމުން މިދަނީ" ސާމިޔާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓަކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ މި މާސްޓަރ ޕްލޭންގެ ދަށުން ޞިއްޙީ ޚިދުމަތްދޭ ތަންތަން ދަރަޖަކުރުވޭނެކަމަށެވެ. އަދި ޞިއްޙީ ޚިދުމަތްދޭނެ ޤާބިލް މީހުން ބިނާ ކުރެއްވުމާއި މި ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ގޮތްވެސް މި ޕްލޭންގައި އެކުލައްވާފައި ވާނެކަމަށް މައިމޫނާ ވިދާޅުވިއެވެ.

"މިހާރުގެ ހާލަތަށް ރިއާޔަތްކޮށް  ޕޮލިސީތަކެއް ޤާއިމްކުރެވުމާއި، އަމިއްލަ ފަރާތްތަކާއި ސެނަޓަރތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ސަސްޓެއިންކޮށް ކޮންޓިނުއޭޝަން އޮފް އެބައިތައް ކުރިއަށް ގެންދެވޭނެ ގޮތުގެ އޮނިގަނޑު ޤާއިމްވެގެން ދާންޖެހޭ" މައިމޫނާ ވިދާޅުވިއެވެ. 

ސިއްޙީ ދާއިރާގެ މާސްޓަރ ޕްލޭން ކާމިޔާބު ޕްލޭނަކަށް ހެއްދެވުމަށް ޢާންމު ފަރާތްތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ސިއްޙީފަރުވާދޭ ތަންތަނުގެ އެއްބާރުލުން ބޭނުވާކަމުގައި ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.