މާލެ ސަރަހައްދުގެ އާބާދީ އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، އަލަށް އާބާދުވި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަކީ މާލޭގައި މިހާރު އެންމެ ގިނަ މީހުން ދިރިއުޅޭ އެއް ސަރަހައްދެވެ. 25 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ 16 ޓަވަރު އެތަނުގައި ހުރިއިރު، ޖުމްލަ 6720 ހައުސިންގ ޔުނިޓް ހިމެނެއެވެ. ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕާޓްމަންޓް ހުންނައިރު، ކޮންމެ ޓަވަރެއްގެ އާބާދީ ގާތްގަނޑަކަށް 2000އަށް އަރައެވެ.
ހިޔާ ސަރަހައްދުގައި މީހުން އާބާދުވާން ފެށީންސުރެ، އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އަދި ދިމާވަމުންދިޔަ އެންމެ ބޮޑު ތަކުލީފަކީ ލިފްޓުގެ ދަތިކަމެވެ. ޓަވަރުތައް ފުރަތަމަ ތަރައްޤީކުރިއިރު، ކޮންމެ ޓަވަރެއްގައި ހުންނަނީ އެންމެ 3 ނުވަތަ 4 ލިފްޓެވެ.
މީގެ އިތުރުން، އެތަނުގައި ހަރުކޮށްފައި ހުރީ ބަލިމީހުން އުފުލާ ހެދޭ ފަދަ ތަނަވަސް ލިފްޓުތަކެއް ނޫންކަމުން، އިމަޖެންސީ ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް އިންތިހާ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ލިފްޓު މަދުވުމުގެ ސަބަބުން، ހެނދުނު ވަޒީފާއަށްދާ ގަޑިތަކުގައާއި ކުދިން ސްކޫލަށް ދާ ގަޑިތަކުގައި ލިފްޓަށް އެރުމަށް ގަޑިއެއްހާއިރު ކިޔޫގައި މަޑުކުރަން ޖެހުމަކީ އާންމު ކަމެކެވެ.
ރައްޔިތުންގެ މި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ހިއްސާކުރެއްވުމާއެކު، އެމަނިކުފާނު ވަނީ ހިޔާގެ 16 ޓަވަރުގައި ލިފްޓް އިތުރުކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ. އެ ވަޢުދުގެ ދަށުން، މި މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން ހަވާލުކުރީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް 2024ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފެށިގެން ދިޔައެވެ.
މިހާރު މިވަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެ އުއްމީދުގައި ކުލަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް، ކޮންމެ ޓަވަރަކަށް 2 ލިފްޓުގެ މަގުން ޖުމްލަ 32 ލިފްޓު ހަރުކޮށް މިހާރު ވަނީ ނިންމާފައެވެ. އަލަށް ހަރުކުރި ލިފްޓުތަކުގެ ތެރޭގައި ހިމެނެނީ ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެހާ ޖާގަ ހުރި 21 މީހުންގެ ބޮޑު ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ އިތުރު ލިފްޓެކެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ލިފްޓުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ ތަންތަނެވެ. އެގޮތުން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން ބްރެއިލް އަކުރުން ފްލޯ ނަންބަރުތައް ލިފްޓުތަކުގައި ވަނީ ޖަހާފައެވެ. މިއީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށާއި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މި މުހިންމު މަޝްރޫއު ނިންމާލާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މިއާއެކު، ހިޔާ ފްލެޓްތަކުގެ ދިރިއުޅޭ ފަރާއްތަކަށް އަރާ ފޭބުމުގައި ހުރި ދަތިތަކަށް މިވަނީ ދާއިމީ ހައްލެއް ލިބިފައެވެ.