ޚަބަރު

ސެމީ މެޗަށް އަރާނީ މެސީއާއެކު އެމެރިކާގައި މަސައްކަތްކުރާ ރެފްރީއެއް


  • އެލްފާތު ރެފްރީކަން ކުރި 4 މެޗުންވެސް މެސީ ވަނީ މޮޅުވެފައި

ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާއާއި އިންގްލެންޑް ބައްދަލުކުރާ މުހިންމު މެޗުގެ ރެފްރީއަކަށް، މެސީއަށް އެންމެ ކަމުދާނެ އެއް ރެފްރީ ފީފާއިން ހަމަޖައްސައިފިއެވެ.

ވަކި ފަރާތަކަށް ޖެހިގެން ފީފާއިން އާޖެންޓީނާއަށް އެހީތެރިވަމުންދާކަމުގެ ތުހުމަތުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި ފީފާއިން ނިންމާފައި މިވަނީ ރެފްރީއަކަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗުގެ ރެފްރީންގެ ޓީމުގައި ހިމެނުނު ރެފްރީ އިސްމާއިލް އެލްފާތު ހަމަޖައްސާށެވެ.

2023 ވަނަ އަހަރު މެސީ އިންޓަރ މަޔާމީއަށް ބަދަލުވި ފަހުން، އެލްފާތާއި މެސީގެ ބައްދަލުވުންތައް ވަނީ އިތުރުވެފައެވެ. މަޔާމީއާ ގުޅުނުތާ މަހެއްހާ ދުވަސް ތެރޭގައި ލީގްސް ކަޕް ފައިނަލްގައި ނޭޝްވިލް އަތުން އެ ޓީމު މޮޅުވިއިރު، އެ މެޗުގެ ރެފްރީއަކީވެސް އެލްފާތެވެ.

އެމެރިކާގައި މެސީ ކުޅުނު މެޗުތަކުގެ ތެރެއިން އެލްފާތު ރެފްރީކަން ކުރި ހަތަރު މެޗުންވެސް މެސީ ވަނީ މޮޅުވެފައެވެ. އަދި މި މެޗުތަކުގައި މެސީ ވަނީ ޖުމްލަ 5 ލަނޑު ޖަހާފައެވެ.

އިންގްލެންޑްގެ ކުޅުންތެރިން ސަމާލުވާންޖެހޭ ކަމަކީ، އެލްފާތަކީ ކާޑު ދެއްކުމުގައި ފަސްޖެހޭ ރެފްރީއަކަށް ނުވުމެވެ. އެމެރިކާ ލީގުގެ މި ސީޒަނުގައި އޭނާ އިންސާފުކުރި 10 މެޗުގައި 41 ރީނދޫ ކާޑާއި، 3 ރަތް ކާޑު ދައްކައި، 3 ޕެނަލްޓީ ދީފައިވެއެވެ. މިފަހަރުގެ ވޯލްޑް ކަޕްގައިވެސް އޭނާ ވަނީ މިހާތަނަށް 8 ރީނދޫ ކާޑާއި އެއް ރަތް ކާޑު ދައްކާފައެވެ.

މި މުބާރާތުގެ ނޮކްއައުޓް ބުރުގައި މިސްރާއި ސުވިޒަލޭންޑާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުތަކުގައި ފެނިގެންދިޔަ ނިންމުންތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިގޮތުން މިސްރުން ޖެހި ލަނޑެއް ގަބޫލުނުކުރުމާއި، ސުވިޒަލޭންޑްގެ ފޯވާޑް ބްރީލް އެމްބޯލޯއަށް ރަތް ކާޑު ދެއްކި ގޮތާމެދު ވަނީ ސުވާލު އުފެދިފައެވެ.

މިއާއެކު، މެސީއާއި އާޖެންޓީނާއަށް މުބާރާތް ކާމިޔާބުކޮށްދިނުމަށް ފީފާއިން ރޭވުންތަކެއް ރާވަމުންދާކަމުގެ ތުހުމަތުތައް ކުރެވުނު ނަމަވެސް، ފީފާއިން ވަނީ އެކަން ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ.

އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅޭ ސެމީ ފައިނަލް މެޗުގައި އެމެރިކާއަށް ނިސްބަތްވާ އެލްފާތާއެކު އެހީތެރިންގެ ގޮތުގައި ތިބޭނީ ކޯރީ ޕާކާ އަދި ކައިލް އެޓްކިންސްއެވެ. ހަތަރުވަނަ ރެފްރީއަކީ އިޓަލީގެ މައުރީޒިއޯ މަރިއާނީއެވެ.

މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އެލްފާތު ރެފްރީކަން ކުރާ 4ވަނަ މެޗެވެ. ނަމަވެސް މިއީ މި މުބާރާތުގައި އޭނާ އިންގްލެންޑް ނުވަތަ އާޖެންޓީނާގެ މެޗެއްގައި އިންސާފުކުރާ ފުރަތަމަ ފަހަރެވެ.