ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
އެ ވުޒާރާއިން މީގެކުރިން ވިދާޅުވެފައިވަނީ، މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައަޅަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މިހާރު މިފުރުސަތު ވަނީ، މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ޒުވާން ޚަޠީބުންގެ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ، ޒުވާން ޚަޠީބުންގެ ތަމްރީން ނިންމައި ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި، އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެވުޒާރާއިން ވިދާޅުވީ، މި މަހާސިންތާއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ މަހާސިންތާއެއް ކަމަށެވެ. މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއް ޝައިޚު ޑރ.ޔާސިރު އައްދައުސަރީ ވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއީ، ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި، ޙާފިޒުންނަށް މުހިންމު މުނާސަބަތަކަށް ވާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
މިހާރު ރާއްޖޭގައި 621 ޒުވާން ޚަޠީބުންނާއި، 310 ޙާފިޛުން ވަނީ ތަމްރީން ކޮށްފައެވެ.