ތަރައްްޤީ

ފެންފުށީ ކަނޑުތޮށީގެ މަސައްކަތަށް ބޭނުންވާ ހިލަ ގެންގޮސްފި


އަރިއަތޮޅު ދެކުނުބުރީ ފެންފުށީގެ ކަނޑުތޮށީގެ މަސައްކަތަށް ބޭނުންވާ ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.

އެރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސައީދު ވިދާޅުވީ އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ތިންސަތޭކަ އަށްޑިހަ ފަސް މީޓަރުގެ ކަނޑުތޮއްޓެއް ލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ފެށުމަށް ބޭނުންވާ ހިލައިގެ ފުރަތަމަ ޝިޕްމަންޓް މި ހަފްތާގައި ފެންފުއްޓަށް ގެނެސްފައިވާ ކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ. 

އަހުމަދު ސައީދު ވިދާޅުވީ މި މަޝްރޫއުގެ ތެރޭގައި ނެރުބައްތި ޖެހުމާއި އެއްގަމު ތޮއްޓާއި ގުޅިގެން ޕޭވްމަންޓް ހެދުންވެސް ހިމެނޭކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ބަނދަރުތެރެ ތިލަވެފައިވާ ސަރަހައްދުތައް 3 މީޓަރަށް ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ. އެއްހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ އދ ފެންފުއްޓަކީ ބޭރު ތޮއްޓެއް ނެތުމުގެ ސަބަބުން ރާޅު ބޮޑުވާ ދުވަސްވަރު ރަށު ތެރެއަށް ރާޅު އަރައި ބަނދަރު ސަރަހައްދުގައި ބޭނުންކުރުމަށް ދަތިތަކާއި ކުރިމަތިވަމުން އަންނަ ރަށެއް ކަމަށް އދ ކައުންސިލުން މައުލޫމާތުދެއެވެ.