ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ފުރުސަތު ނުދީ ބޭރުކޮށްލި ނެދަލޭންޑްސްގެ ރެފްރީ ރޮބް ޑީބްރީފް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މިކަން ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ޔަގީން ކޮށްދިން ނަމަވެސް އުމުރުން 38 އަހަރުގެ ރެފްރީ މަރުވި ސަބަބެއް ނުބުނެ އެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ރެފްރީ ޑީބްރީފް ވަކިކުރަން ފީފާއިން ނިންމީ އޭނާގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވި ޖަލަށް ލުމަށްފަހު ދޫކޮށްލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގަ އެވެ.
މިދިޔަ މެއި މަހު ނެދަލޭންޑްސްގެ ފުލުހުން އޭނާ ހައްޔަރުކޮށް ވަނީ ސީސީޓީވީ ފުޓޭޖްތަކާއި ޑިޖިޓަލް ސާވިސްތަކުން އޭނާގެ ހަރަކާތްތައް ބަލައިފަ އެވެ. އަދި ފުލުހުން ވަނީ އިތުރަށް އޭނާގެ މައްސަލަ ބަލާނެ ޖާގަ ނެތް ކަމަށް ބުނެ މައްސަލަ ފައިލް ކޮށްފަ އެވެ.
އަދި މި މައްސަލައާ ގުޅިގެން ފީފާއިން ޑީބްރީފް ވޯލްޑް ކަޕުން ވަކިކުރި ސަބަބެއް ވެސް ނުބުނެ އެވެ.
މިކަމާ ގުޅިގެން އޭރު އޭނާ ބުނީ ފުލުހުންނަށް ފުރިހަމަ އަށް އެއްބާރުލުންދީ އޭނާގެ މައްސަލަ ފައިލްކޮށްފައިވަނިކޮށް ފީފާގެ ނިންމުން އައި ގޮތުން ވަރަށް ބޮޑަށް ދެރަވެއްޖެ ކަމަށެވެ.
"މި ތުހުމަތު މިހާރު އެ ވަނީ ނެތް އެއްޗަކަށް ވެފައި. އަހަރެން ވޯލްޑް ކަޕަށް ނުގެންދަން ފީފާއިން ނިންމި ނިންމުމަކީ ވަރަށް ހެއްވާ ކަމެއް. ވަރަށް ދެރަވެއްޖެ ފީފާގެ ނިންމުމުގެ ސަބަބުން،" ޑީބްރީފް މިދިޔަ މޭމަހު ބުންޏެވެ.
މި މައްސަލާގައި ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ އެ ގައުމުގެ މެޗުތަކަށް ޑީބްރީފް ނެރޭނެ ކަމަށާއި އޭނާ އަށް އަދަބު ދޭންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.