ޚަބަރު

އެފްއެސްއެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ ސިސްޓަމް ހަރުކުރަން ފަށައިފި


  • މިއީ މިފަދަ އޭޓީޖީ ސިސްޓަމެއް ހަރުކުރާ ފުރަތަމަ ފަހަރު

  • މީގެ ސަބަބުން މެދުކެނޑުމެއްނެތި ޓޭންކުތަކުގައި ހުންނަ ތެލުގެ މިންވަރު ބެލޭނެ

ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްއިން ދޭ ކަނޑުމަތީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ކުންފުނީގެ ތެޔޮ އުފުލާ ބާޖުތަކުގައި އޮޓޮމެޓިކް ޓޭންކް ގޭޖިންގ (އޭ.ޓީ.ޖީ) ސިސްޓަމް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއީ، އެ ކުންފުނީގެ ތެޔޮ އުފުލާ އުޅަނދުފަހަރުގައި މިފަދަ ސިސްޓަމެއް ހަރުކުރާ ފުރަތަމަ ފަހަރުކަމަށް އެފްއެސްއެމްއިން ވަނީ ބުނެފައެވެ. މި ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރިއަށްދަނީ، އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ ހުނިކެ ބާޖުގައި މި ސިސްޓަމް ހަރުކުރުމުގެ މަސައްކަތެވެ.

މި ސިސްޓަމް ހަރުކުރަނީ ތެޔޮ ޓޭންކުތަކުގައި ހުންނަ ތެލުގެ މިންވަރު މެދުކެނޑުމެއްނެތި، އިތުބާރާއެކު ސައްހަކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަޤްސަދުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. މި ސިސްޓަމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކުގެ ރައްކާތެރިކަމާއި ހަރުދަނާކަން އިތުރުވެ، ތެޔޮ ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ފުރިހަމަ އަދި އިތުބާރު ހުރި ޚިދުމަތެއް ކަސްޓަމަރުންނަށް ލިބޭނެކަމަށް ވަނީ ބުނެފައެވެ.

މި މަޝްރޫޢަކީ، އެފްއެސްއެމްގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްތައް އަވަސް އަދި ފަސޭހަ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

މި ސިސްޓަމުގެ ސަބަބުން ތެޔޮ ބާޖުތަކުން ތެޔޮ ދޫކުރުމާއި، ޓޭންކުތަކުގައި ހުންނަ ތެލުގެ ހިސާބުތައް ބެލެހެއްޓުމުގައި މިހާރު ދިމާވާ ދަތިތަކަށް ބޮޑު ޙައްލެއް ލިބޭނެ ކަމަށްވެސް ފިއުލް ސަޕްލައި މޯލްޑިވްސްއިން ވަނީ ބުނެފައެވެ.