ވިޔަފާރި

ސެންޗޫރިއަންއަށް އެހީތެރިވުމަށް ބީއެމްއެލްއިން ނިންމައިފި


ރާއްޖޭގެ ހިއްސާގެ ބާޒާރަށް ނިކުންނަ ރާއްޖޭގެ ފުރަތަމަ އަމިއްލަ ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލުން ނިންމައިފިއެވެ.

ދިވެހި ހިއްސާގެ ބާޒަރަށް ނުކުންނަ ފުރަތަމަ އަމިއްލަ ކުންފުންޏަކީ ސެންޗޫރިއަން ޕަބްލިކް ލިމިޓެޑެވެ. ބީއެމްއެލް ބުނީ ސެންޗޫރިއަންއާއެކު އެ ބޭންކުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ސެންޗޫރިއަންއިން ގަންނަ ހިއްސާގެ ފައިސާ އެ ބޭންކަށް ޖަމާކުރުމުގެ މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން މިއަދުން ފެށިގެން ސެންޗޫރިއަންގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ހާއްސަ އޮންލައިން ޕޯރޓަލެއް މެދުވެރިކޮށް އާންމުންނަށް ހިއްސާ ގަނެވޭނެ އިންތިޒާމްވެސް ބީއެމްއެލުން ވަނީ ހަމަޖައްސާފައެވެ.

img:http://s4.psmnews.mv/images/660x400/14751590115885.jpg|ސެންޗޫރިއަން ޕަބްލިކް ލިމިޓެޑުން ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރ ކުލްދީޕް ޕަލިވާލް ވިދާޅުވީ ސެންޗޫރިއަން ޕީއެލްސީން އައު ހަރުފަތަކަށް ދިޔުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ބީއެމްއެލްއަށް ލިބިގެންދާ ވަރަށްބޮޑު އުފަލެއްކަމަށެވެ. ހިއްސާގެ ބާޒާރުގައި ސެންޗޫރިއަން ލިސްޓްކުރެވިގެން ދިޔުމަކީ ކުންފުނީގެ ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށާއި ބޭނުންވާ ކެޕިޓަލް ހޯދުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ކުލްދީޕް ވިދާޅުވިއެވެ.

ސެންޗޫރިއަން ޕީއެލްސީ އަކީ ޝިޕިންގ އަދި ލޮޖިސްޓިކް އެންމެހާ ހިދުމަތްތައް ދޭ ކުންފުންޏެކެވެ.