ޚަބަރު

މަތީ ދަރަޖަ ހޯދާ ފަރާތްތަކުގެ ޚާއްޞަ އިނާމަށް ހުޅުވާލައިފި


  • ނަން ހުށައެޅުމުގެ ފުރުސަތުވަނީ އޯގަސްޓް 31އާ ހަމައަށް ހުޅުވާލާފައި

  • މިއަހަރުވެސް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 4 ގިންތިއަކުން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހުޅުވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތުވަނީ، މިއަދުން ފެށިގެން އަންނަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނެނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއާއި، ރާއްޖެ ތަމްސީލު ކުރުމަށް ބައިވެރިވާ ބައިނަލްއަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤުވާމީ މިނޫންވެސް މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.

މީގެއިތުރުން ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ. ހަތަރުވަނަ ގިންތިން އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.


މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިން އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ 8 ގެ ނުވަތަ 9 ގެ ސަނަދެއް ހާސިލު ކުރުމުގައި، މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުން ދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށް ކަމަށެވެ.

އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އޯގަސްޓް މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާނީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.